Qiyamathuge alamaiythah: handhu defalhivun

ބިރުވެރި ޤިޔާމަތް ދުވަހުގެ ޢަލާމާތްތަކުގެ ތެރެއިން 2
أبو عبد الله عبد الرحيم المدني

ހަނދު ދެ ފަޅި ކުރެއްވުން
އެއްކައުވަންތަ މަތިވެރިވެގެންވާ ޙައްޤު ގޮތުގައި ހަމައެކަނި އަޅުކަންވެވޭ ޖައްބާރުވަންތަ ޙަކީމްވަންތަ ރަޙުމާންވަންތަ ﷲ ވަޙީކުރައްވާފައިވެއެވެ.
اقْتَرَ‌بَتِ السَّاعَةُ وَانشَقَّ الْقَمَرُ‌ ﴿١﴾ وَإِن يَرَ‌وْا آيَةً يُعْرِ‌ضُوا وَيَقُولُوا سِحْرٌ‌ مُّسْتَمِرٌّ‌ ﴿٢﴾
މާނައިގެ ތަރުޖަމާއީ: ހަމަކަށަވަރުން ޤިޔާމަތްދުވަސް ކައިރިވެއްޖެއެވެ. އަދި ހަނދު (ދެފަޅިއަށް) ފަޅިކުރެވިއްޖެއެވެ. އަދި އެބައިމީހުންނަށް އެބަހީ މުޝްރިކުންނަށް މުޢުޖިޒާތެއް ދެއްކިއްޖެނަމަ އެބައިމީހުން އެކަމާއި ދެކޮޅު ހަދާ ހާލުގައި ބުނެއެވެ. "ތިޔައީ ހަމަ ފައްކާ ދިގުދެމިގެންވާ ސިހުރެކެވެ"
(ޤަމަރު ސޫރަތުގެ ފުރަތަމަ އާޔަތާއި ދެވަނަ އާޔަތް)

އަލް ޙާފިޡް އިބުނު ކަޘީރު ރަޙިމަހުﷲ އެކަލޭގެފާނުގެ ތަފުސީރުގައި ވިދާޅުވެފައިވެއެވެ. "ޞައްޙަ ސަނަދުން ޘާބިތުވެފައިވާ މުތަވާތިރު ޙަދީޘްތަކުން އެނގޭ ގޮތުގައި މިކަން ހިނގާފައިވަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ޒަމާނުގައެވެ. ޢިލްމުވެރިންވަނީ މިކަން ހިނގާފައިވަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި ހިނގާފައިވާ ކަމެއްކަމަށް އިއްތިފާޤުވެލައްވާފައެވެ. އަދި ޔަޤީނުންވެސް މިއީ އެކަލޭގެފާނަށް ދެއްވިފައިވާ އެންމެ މަތިވެރި މުޢުޖިޒާތްތަކުގެ ތެރެއިން އެއް މުޢުޖިޒާތެވެ"

އަނަސް ރަޟިޔަﷲ ޢަންހު ރިވާކުރައްވާފައިވާ ރިވާޔަތުގެ މާނަގައިވެއެވެ.
" މައްކާގެ މީސްތަކުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ކިބައިން އެބައިމީހުންނަށް މުޢުޖިޒާތެއް ދެއްކުމަށް އެދުނެވެ. އެހެންކަމުން މާތް ނަބިއްޔާ އެބައިމީހުންނަށް ހަނދު ދެފަޅިކުރެއްވޭތަން ދެއްކެވީއެވެ." (މުއްތަފަޤުން ޢަލައިހި)

ޢަބްދުﷲ ބިން މަސްޢޫދު ރަޟިޔަﷲ ޢަންހު ރިވާކުރައްވާފައިވާ ރިވާޔަތުގެ މާނައިގައިވެއެވެ.
"މިނާގައި ތިމަންބޭކަލުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައިގެ އަރިހުގައި ތިއްބަވަނިކޮށް، ހަނދު ދެފަޅިއަށް ފަޅިވެގެންދިޔައެވެ. އެއްބައި ފަރުބަދައިގެ ފަހަތަށެވެ. އަނެއްބައި އަނެއްކޮޅަށެވެ. ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. " ތިޔަބައިމީހުން ހެކިވާށެވެ" (މުއްތަފަޤުން ޢަލައިހި)

އިބުނު ޢައްބާސް ރަޟިޔަﷲ ޢަންހު ރިވާކުރައްވާފައިވާ ރިވާޔަތުގެ މާނައިގައިވެއެވެ.
" މުޝްރިކުންތައް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަރިހަށް ޖަމާވިއެވެ. އަދި އެބައިމީހުން ބުންޏެވެ. ކަލޭގެފާނަކީ ތެދުވެރިއެއްކަމުގައި ވާނަމަ ނިކަން އަހަރެމެންނަށް (ފެންނާނެހެން) ހަނދު ދެފަޅިއަށް ފަޅިކޮށްލަބައްލަވާށެވެ. އެއްފަޅި އަބޫ ޤުބައިސް ފަދަބަދަޔާ ދިމާލަށެވެ. އަނެއްފަޅި ޤުޢައެޤަޢާން ފަރުބަދަ މައްޗަށެވެ. އެރެއަކީ ހަނދު ފުރިހަމަވެފައި ހުރި ރެއެކެވެ. ( ސާދާ ވިލޭރޭގެ ހަނދު). ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެބައިމީހުން އެދުނު ކަންތައްތައް ފުރިހަމަ ކޮށްދެއްވުމަށް ﷲ ސުބުހާނަހޫ ވަތަޢާލާއަށް ދެންނެވިއެވެ. އަދި ހަނދު ދެފަޅިއަށް ފަޅިވެގެން ދިޔައެވެ. އެއްފަޅި އަބޫ ޤުބައިސް އާ ވީ ދިމާލަށެވެ. އަނެއްފަޅި ޤުޢައެޤަޢާން ފަރުބަދައާއި ވީ ދިމާއަށެވެ. އަދި ރަސުލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރެއްވިއެވެ: " ތިޔަބައިމީހުން ހެކިވާށެވެ"

މި ޢަލާމަތް ނިމުނީ. މިއީ ޤިޔާމަތް ދުވަސް ކައިރިވުމުގެ ކުދި ޢަލާމާތްތަކުގެ ތެރެއިން ޢަލާމާތެކެވެ.
މަސްދަރު: ޝައިޚު ޢަރީފީގެ ނިހާޔަތުލް ޢާލަމް

އިތުރު ލިޔުން: ޤިޔާމަތްވުމުގެ ފުރަތަމަ ޢަލާމާތް

ތަރުޖަމާ: އިބުނު ޢަބްދުއްރަޙުމާނު ޅޮހީ

ނޯޓު: ޤުރުއާން ތަރުޖަމާ ކުރެވިފައިވަނީ ޞަޙީހް އިންޓަރނޭޝަނަލްއާއި އަދި ޙިލާލީ އަދި ޚާން ކުރައްވާފައިވާ ޤުރުއާން ތަރުޖަމާ އަސްލަކަށް ބަލައިގެންނެވެ. ތަޢުފީޤު ދެއްވުން އެދެނީ ﷲގެ ޙަޟްރަތުންނެވެ. ޞަލަވާތާއި ޞަލާމާއި ބަރަކާތް ލެއްވުން އެދި ދުޢާކުރަނީ މިއުއްމަތުގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމަ އަށެވެ. އަދި އެކަލޭގެފާނުންގެ އަހުލުންނާއި ޞަޙާބީން މި ސަލަވާތުގައި ސާމިލްކުރަމެވެ.
އިތުރު ޤިޔާމަތްވުމުގެ ޢަލާމާތެއް ގެނެސްދެވޭނެ ކަމުގެ އުއްމީދުގައި މި ލިޔުން ނިންމާލީމެވެ. ލިޔުން ވިދާޅުވާ ބޭފުޅުންނަށް ހެޔޮ ރަޙުމަތްލައްވާށިއެވެ. އާމީން

Post a Comment

0 Comments