Qiyamaiyvumuge almaaiythakuge thereyn: furathama alamaiy

ޤިޔާމަތްވުމުގެ ޢަލާމާތްތަކުގެ ތެރެއިން ފުރަތަމަ ޢަލާމާތް
އަސްލު ލިޔުއްވީ: ޝައިޚު މުހައްމަދު ޢަރީފީ

ފެށުން
ޤިޔާމަތްވުމުގެ ޢަލާމަތްތައް ބެހިގެންވަނީ ދެބަޔަށެވެ. އެއީ ބޮޑެތި ޢަލާމާތްތަކާއި އަދި ކުދި ޢަލާމާތްތަކެވެ. ބޮޑު ޢަލާމަތްތަކާއި އަދި ކުދި ޢަލާމާތްތަކުގެ ތަފާތަކީ ބޮޑެތި ޢަލާމާތްތައް ފާޅުވާނީ ޤިޔާމަތްވަޤުތު ޤާއިމުވުމާއި ވަރަށްވެސް ކައިރީގައެވެ. އަދި އެ ޢަލާމަތްތަކުން ބޮޑެތި ބަދަލުތަކެއް އައިސް މި ޢަލާމާތްތައް ފާޅުވާ ހުށީ ދުނިޔޭގައި ވާ އެންމެންނަށެވެ.
ނަމަވެސް ކުދި ޢަލާމާތްތައް ފާޅުވާހުށީ ޤިޔާމަތް ޤާއިމުވުމާއި ކޮންމެސް ވަރަކަށް ޒަމާނުގެ ގޮތުން ދުރުންނެވެ. އަދި ފާޅުވަނީ އެކިތަންތާގައި އަދި އެކިމީސްތަކުންނަށެވެ.

1. މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ ރިސާލަތައިގެން ފޮނުއްވުން
ޤިޔާމަތްވުމުގެ ޢެންމެ ފުރަތަމަ ޢަލާމާތަކީ މިއުއްމަތުގެ މާތް ނަބިއްޔާ މުޙައްމަދު ވައްޞަލާތު ވައްސަލާމު އަލައިހި ފޮނުއްވުމެވެ. އެކަލޭގެފާނު ވަނީ މިކަމުގެ ޚަބަރު އަޅުގަނޑުމެންނަށް ދެއްވާފައެވެ. މިއީ ޤިޔާމަތްވުމުގެ ކުދި ޢަލާމާތްތަކުގެ ތެރެއިން އެންމެ ފުރަތަމަ ފާޅުވާނެ ޢަލާމާތެވެ.

ސަޢުދު އިބުނު ސަހުލު ރިވާކުރައްވާފައިވެއެވެ.
" ތިމަންކަލޭގެފާނު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ ބޮޑުވާ ދެ އިނގިލިކަމަށްވާ މެދު އިނގިއްޔާ އަދި ބޮޑުވަ އިނގިއްޔާ ޖެހިގެން އިންނަ ދެ އިނގިއްޔަށް އިޝާރަތްކުރައްވަމުން ޙަދީޘްކުރެއްވިއެވެ. " ތިމަންކަލޭގެފާނު ފޮނުއްވުމާއި ޤިޔާމަތްދުވަހާއި ވަނީ މިފަދައިންނެވެ" (އެބަހީ ވަރަށްވެސް ކައިރީގައެވެ). އަދިވެސް އެކަލޭގެފާނު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ. " ތިމަންކަލޭގެފާނު ފޮނުއްވިފައިވަނީ ޤިޔާމަތްވުމުގެ ކޮޅުމަތީގައެވެ" އެބަހީ ގިޔާމަތްވުންވަނީ އެހާވެސް ކައިރީގައެވެ.
ޤުރުތުބީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. " ޤިޔާމަތްވުމުގެ ފުރަތަމަ ޢަލާމާތަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައެވެ. ސަބަބަކީ އެކަލޭގެފާނަކީ ފަހުޒަމާނުގެ ނަބިއްޔާއެވެ. އަދި އެކަލޭގެފާނާއި އަދި ޤިޔާމަތްވުމާއި ދެމެދުގައި އެހެން ނަބިއްޔެއް ނުފޮނުއްވާ ހުއްޓެވެ"

2. ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަވަހާރަވެ ވަޑައިގަތުން
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދުނިޔެދޫކުރައްވާ ވަޑައިގަތުމަކީ ޤިޔާމަތްވުމުގެ ފުރަތަމަ ޢަލާމާތްތަކުގެ ތެރެއިން އެއް ޢަލާމާތެވެ. ޢައުފު ބިން މާލިކު ރަޟިޔަﷲ އަންހު ރިވާކުރައްވާފައިވެއެވެ.
"ތިމަންކަލޭގެފާނު ތަބޫކު ހަނގުރާމައިގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ދިޔައީމެވެ. އެކަލޭގެފާނު ހުންނެވީ ކެހެރިން ހަދާފައިވާ ފޭލިގެއެއް(ޤުއްބެއް) ގައެވެ. އަދި އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. " ތިމަންކަލޭގެފާނާއި ޤިޔާމަތްވުމާއި ދެމެދަށް ތިޔަބައިމީހުން ހަކަމެއް ގުނާ ޢަދަދުކުރާށެވެ. (އެއީ) ތިމަންކަލޭގެފާނުގެ މަރާއި، ޤުދުސް ފަތަޙަވުމާއި، ބަކަރިއަށް ޤުޢާސް( ޖެހުމާއެކު ވަރަށް އަވަހަށް މަރުވާ ބަޔެއް) ޖެހޭފަދައިން ތިޔަބައިމީހުންގެ ތެރޭގައި މަރުވުން ފެތުރުން އަދި އެޔަށްފަހު މީސްތަކުންގެ މުއްސަނދިކަން އިތުރުވެގެންގޮސް މީހަކަށް ސަތޭކަ ދީނާރު(ރަން ފައިސާ ފޮތި) ދެވިއްޖެނަމަވެސް ހިތްހަމަ ނުޖެހުން (އެބަހީ: މީސްތަކުންގެ މުދާތައް ގިނަވެ ސަތޭކަ ދީނާރަކީ އެމީހުންގެ ގާތުގައި އެއްޗަކަށް ނުވުމެވެ)، އަދި އެޔަށްފަހު ޢަރަބިންގެ ހުރިހާ ގެޔަކަށް އެކަމުގެ އަސަރުކުރާނެ ވަރުގެ ބޮޑު ފިތުނައެއް ފެތުރުމާއި އަދި ތިޔަބައިމީހުންނާއި ދޮންމީހުންނާއި މެދު ކުރެވިފައިވާ އަހުދުނާމާއަށް އެބައިމީހުން އުވާލައި 80 ލަޝްކަރައިގެން ތިޔަބައިމީހުންނާއި ދެކޮޅަށް އަންނަ ހުއްޓެވެ. އެއިން ކޮންމެ ލަޝްކަރެއްގައި ބާރަހާސް މީހުންވެއެވެ."

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދުނިޔެދޫކުރެއްވުމަކީ މުސްލިމުންނަށް ލިބުނު ވަރަށް ބޮޑު ހިތްދަތި ކަމެކެވެ. އެހެނީ އެކަލޭގެފާނުގެ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަވަހާރަވުމާއި އެކު އެދުވަހު އެކަލޭގެފާނުގެ ޞަހާބީންނަށް (ރަޟިޔަﷲ އަންހުމް) މަދީނާ އަނދިރިވެގެން ދިޔަފަދައެވެ.
އެކަލޭގެފާނު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަވަހާރަވެވަޑައިގަތުމާއެކުގައި ވަޙީގެ ދޮރު ބަންދުވެ، ޢަރަބިންގެ ތެރޭގައި ފިތުނަތައް އުފެދެން ފެށިއެވެ. ބަޔެއް ޢަރަބީން އިސްލާމްދީން ދޫކޮށް މުރުތައްދުވެގަތެވެ.

ނިމުނީ

(ދޮން މީހުންނަކީ ބަނޫ އަޞްފަރުގެ ތަރުޖަމާއެވެ. އެއީ ރޯމަނުންނާއި އަދި ބީޒަންޓައިނުންނަށް އެބައިމީހުންގެ ހަމުގެ ކުލައަށް ނިސްބަތްކޮށް ޙަދީޘްކުރައްވާފައިވާ ބަސްފުޅެކެވެ) މިޒަމާނުގައި އެބައިމީހުންނަކީ ޔޫރަޕު މީހުންނާއި އަދި އެމެރިކާ މީހުން ކަމަށް ޝެއިޚު ޢަރީފީ ލިޔުއްވާފައިވެއެވެ. އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲއެވެ.
ނޯޓު: ވީހާވެސް އަވަހަކަށް ޤިޔާމަތްވުމުގެ އަލާމަތްތަކުގެ ތެރެއިން އެހެން އަލާމާތެއް ގެނެސްދެވޭނެ ކަމުގެ އުއްމީދުގައި މިލިޔުން ނިންމާލަމެވެ. وصلى الله وسلم على محمد وعلى آله وصحبه أجمعين. والحمدلله

މަޞްދަރު: ނިޙާޔަތުލް ޢާލަމް، ޝެއިޚު އަރީފީ

Post a Comment

0 Comments