Loading...

Wednesday, August 8, 2012

ތާބިއީ ބޭކަލަކަށް ފެނުނު އާދަޔާ ޚިލާފު ހުވަފެންފުޅު

ތާބިއީ ބޭކަލަކަށް ފެނުނު އާދަޔާ ޚިލާފު ހުވަފެންފުޅު
އަބޫ ޢަބްދުﷲ
ޢަޠާއު ބިން ޔަސާރު (ތާބިޢީންގެ އިސްބޭކަލެއް) އަދި ސުލައިމާން ބިން ޔަސާރު ޙައްޖަށް ދިޔުމަށްޓަކައި މަދީނާއިން ނިކުމެވަޑައިގަތެވެ. އެބޭކަލުންނާއި އެކީގައި އެހެންބޭކަލުންވެސް ބައިވެރިވަޑައިގަތެވެ. އަބްވާއާ އަރާހަމަވުމުން އެބޭކަލުން އެރަށުގައި ރޭގަނޑުވުމުން މަންޒިލުކުރައްވައިފިއެވެ. ސުލައިމާނާއި އަދި އެބޭފުޅާގެ އަރިސްބޭކަލުން ބޭނުމަކު އެބޭކަލުން މަންޒިލުކުރިތަނުން ދުރަށް ހިނގައްޖެއެވެ. ދެން ޢަޠާއު ރަޙިމަހުﷲ ނަމާދުކުރައްވަން ވެގެން ހުންނެވީއެވެ.
އެހެން ހުންނަވަނިކޮށް ރަށްފުށު ހިސާބުގެ ރީތި އަންހެނަކު އެތަނަށް ވަދެއްޖެއެވެ. އެއަންހެނާ ވަތްކަން އެނގިގެން ބޭނުމަކު އައިމީހެއްހެން ހީވެގެން ޢަޠާއު ނަމާދު ކުރުކޮށްލައްވައި ސަލާމްދެއްވައިފައި އަންހެނާއަށް ދެންނެވިއެވެ. ކަނބުލޭގެ ބޭނުންވާ ކަމެއް އޮތީ ހެއްޔެވެ؟

އަންހެނާ ބުންޏެވެ. އާނއެކެވެ. އެކަލޭގެފާނު ދެންނެވިއެވެ. އެބޭނުމަކީ ކޮބައި ހެއްޔެވެ؟ އަންހެނާ ބުންޏެވެ. ކަލޭގެފާނު ތެދުވެ ވަޑައިގެން އަހަރެންގެ ގާތަށް އަންނާށެވެ. ފަހެ އަހަރެން ވަނީ މިކަމަށް އެދިގެންނެވެ. އަހަރެންގެ ފިރިޔަކު ނުވެއެވެ.

އެކަލޭގެފާނު ދެންނެވިއެވެ: އަހަރެންނާއި ގާތްނުވާށެވެ. ކަލޭގެ ނަފުސާއި އަހަރެންގެ ނަފުސު އަލިފާނުގައި އަންދާނުލާށެވެ.

އަދި އެކަލޭގެފާނު އިސްއުފުލާ ބަލާލިއެވެ. އެއަންހެނާ ދުރަށްދާން ނޫޅެ އެކަލޭގެފާނު އެކަނބުލޭގެ މަޅީގައި ޖެއްސުމަށްޓަކައި އެކަނބުލޭގެ ބޭނުންވާ ކަންތަކަށް ރުހިގެން ހުއްޓެވެ.

ދެން އަޠާއު ރަޙިމަހުﷲ ކީރިތި ކުރައްވަން ފައްޓަވައިފިއެވެ. އަދި ބުންޏެވެ. ކަނބުލޭގެއަށްވާ ހަލާކުހުއްޓެވެ. އަހަރެންނާ ދުރަށްދާށެވެ. އަހަރެންނާއި ދުރަށްދާށެވެ. އަދި އެކަލޭގެފާނުގެ ކީރިތި ކުރެއްވުން ގަދަވާން ފަށައިފިއެވެ. އަންހެންކަނބުލޭގެއަށް މިމަންޒަރު ފެނުމުން އޭނާއަށްވެސް ކުރި އަސަރެއްގެ ބޮޑުކަމުން ރޮވެން ފަށައިފިއެވެ.

ސުލައިމާން ބިން ޔަސާރު އެކަލޭގެފާނު ކުރައްވަން ދިޔަ ކަންތައް ނިމިވަޑައިގެން އޭރު ވަދެވަޑައިގަންނެވި އިރުވެސް އެކަލޭގެފާނު ކީރިތި ކުރައްވަނީއެވެ. އަދި އަންހެނާވެސް ރޮނީއެވެ. ދެން ސުލައިމާނުވެސް ކީރިތި ކުރައްވަން ފައްޓަވައިފިއެވެ. އެދެމީހުން ރޮނީ ކޮންކަމެއްގެ މައްޗަށްކަމެއް އެކަލޭގެފާނަކަށް އެނގިވަޑައެއް ނުގަންނަވާމެއެވެ. އަދި ދަތުރު އައި މީހުން އެތަނަށް އަންނަ މީހެއްވިއްޔާ އެބޭކަލުން ކީރިތިކުރައްވާތީ އެބައިމީހުންވެސް އެތަނުގައި އިށީނދެ ކީރިތިކުރައްވަމުން ދިޔައެވެ. އެބޭކަލުން ކީރިތިކުރައްވާލެއް ގަދަކަމުން އެއްބޭކަލަކުވެސް ސުވާލެއް ނުކުރެއެވެ.

އަދި ހުރިހާ ބޭކަލުންވަދެ އެބޭކަލުން ކީރިތިކުރައްވަން ފެއްޓެވުމުން އަންހެންމީހާއަށް މިމަންޒަރު ފެނުމުން އޭނާ ނުކުމެގެން ހިނގައްޖެއެވެ.

ދެން ދުވަސްތަކެއް ފާއިތުވަންދެން ސުލައިމާން އެކަލޭގެފާނުގެ ބޭބޭފުޅު ޢަޠާއު އާއި އެކުއުޅުއްވިއެވެ. އަދި އެކަމާ ބެހޭގޮތުން އެކަލޭގެފާނުގެ ހައިބަތަށްޓަކައި އެއްވެސް ސުވާލެއް ނުކުރައްވައެވެ. ދެން އެދެބޭކަލުން ބޭނުމަކު މިސްރަށް ވަޑައިގެންފިއެވެ. އަދި އެތަނުގައި އެބޭކަލުން ތިއްބެވިއެވެ.

އެއްރެޔަކު މިދެބޭކަލުން ނިދަން ތިއްބާ ޢަޠާއު ރަޙިމަހުﷲ ހޭފުޅު ލައްވައި މާހަރު އަޑުފުޅަކުން އެބަކީރިތި ކުރައްވައެވެ.

ދެން ސުލައިމާން އެބަ ސުވާލުކުރައްވައެވެ. ބޭބޭފުޅު ކީރިތިކުރައްވަނީ އަނެއްކާ ކޮންކަމަކާ ތޯއެވެ؟ ޢަޠާއު ދެންނެވިއެވެ. މިރޭ ފެނުނު ހުވަފެނެއްގެ ސަބަބުންނެވެ.

ސުލައިމާން ދެންނެވިއެވެ. އަނެއްކާ އެއީ ކޮންހުވަފެނެއްތޯއެވެ؟

ޢަޠާއު ރަޙިމަހުﷲ ދެންނެވިއެވެ. : ތިމަންކަލޭގެފާނު ދުނިޔޭގައި ހުންނަވަނިކޮށް އެއްވެސް މީހަކަށް މިވާހަކަ ނުކިޔައިދޭން އެއްބަސްވާނަމަ މެނުވީ ކިޔައިނުދޭނަމެވެ.

ސުލައިމާން ދެންނެވިއެވެ: ކަލޭގެފާނުގެ ޝަރުތާއި ރުހިއްޖައީމެވެ.

ޢަޠާއު ދެންނެވިއެވެ.: ހުވަފެނުގައި ތިމަންކަލޭގެފާނަށް ޔޫސުފު ޢަލައިހިއްސަލާމް ފެނިވަޑައިގަތީއެވެ. އަދި މީސްތަކުން އެކަލޭގެފާނަށް ބަލާ ފަދައިން ތިމަންކަލޭގެފާނުވެސް އެކަލޭގެފާނަށް ބެލުމަށް ދިޔައީމެވެ. އެކަލޭގެފާނުގެ ރީތިކަން ފެނިފައި އެވަގުތު ތިމަންކަލޭގެފާނަށް ރޮވިއްޖެއެވެ. ދެން ޔޫސުފު ޢަލައިއްސަލާމް މީސްތަކުންނަށް ނަޒަރު ހިންގަވާލައްވާފައި ތިމަންނާއަށް ވިދާޅުވެއްޖެއެވެ. އޭ މީހާއެވެ. ތިޔަ ރޮނީ ފަހެ ކޮންކަމަކާ ހެއްޔެވެ؟

ތިމަންކަލޭގެފާނު ދެންނެވީމެވެ. އޭ ﷲގެ ނަބިއްޔާއެވެ. ތިމަންކަލޭގެފާނުގެ މައިކަނބަލުންނާއި ބަފައިކަލުން ކަލޭގެފާނަށް (ފިދާ)އެވެ. ފަހެ ތިމަންނާ ކަލޭގެފާނުގެ މައްޗަށް ޢަޒީޒުގެ އަންހެނުންނާއި އަދި އެކަމަނާގެ އެއަމަލުގެ ސަބަބުން ކަލޭގެފާނަށް ޖެހުނު މުސީބާތްތަކާއި އަދި ޔަޢުޤޫބު ޢަލައިހިއްސަލާމާއި ކަލޭގެފާނު ވަކިވާން ޖެހުނުކަމާއި މިހުރިހާ ކަމެއް ހަނދާންވުމުން އެކަމަށްޓަކައި ރޮވުނީއެވެ. އަދި މިކަންކަން ތިމަންނާ ޢަޖައިބު ކުރުވައިފިއެވެ.

ދެން ޔޫސުފު ޢަލައިހިއްސަލާމް ވިދާޅުވިއެވެ: “ފަހެ ކަލޭގެފާނަށް އަބުވާއިން ދިމާވި ރަށްފުށު އަންހެން ކަނބުލޭގެ ކަންތަކާއި މެދުގައި އަޖާއިބު ނުވޭތޯއެވެ؟(އެބަހީ ކަލޭގެފާނަށްވެސް ތިމަންކަލޭގެފާނަށް ދިމާވި ކަހަލަ ކަމެއް ދިމާވުމުން އެކަމާ އަޖައިބު ނުވޭހެއްޔެވެ؟)” ދެން ތިމަންނާއަށް އެކަލޭގެފާނުގެ ޤަޞްދަކީ ކޮބައިކަން އެނގިއްޖެއެވެ. އަދި އެކަމާއި ކީރިތިކުރައްވަން ފެށީމެވެ. އަދި ހޭލެވުނުއިރުގައި ރޮވެމުންދިޔައެވެ.

ދެން ސުލައިމާން ދެންނެވިއެވެ: އޭ ބޭބޭއެވެ. އެއަންހެނާ އެރޭ ކުރީ ފަހެ ކޮންކަމެއްހެއްޔެވެ؟

ދެން ޢަޠާއު އެވާހަކަ ސުލައިމާނަށް ބަޔާންކޮށްދެއްވިއެވެ.

މިވާހަކަ ސުލައިމާން ބން ޔަސާރު އެއްވެސް ބޭކަލަކަށް ޢަޠާއު ރަހިމަހުﷲ އަވަހާރަވުމުން މެނުވީ ކިޔައިނުދެއްވައެވެ. އެވާހަކަ އެކަލޭގެފާނު ކިޔައިދެއްވީ އެކަލޭގެފާނުގެ ތިމާގެ އަންހެންބޭކަނބަލުންނަށެވެ. (1)

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. : ” سبعة يظلهم الله في ظله يوم لا ظل إلا ظله ، إمام عادل وشاب نشأ في عبادة الله ، ورجل قلبه معلق بالمساجد ، ورجلان تحابا في الله اجتمعا عليه وتفرقا عليه ، ورجل دعته امرأة ذات منصب وجمال فقال إني أخاف الله . ورجل تصدق بصدقة فأخفاها حتى لا تعلم شماله ما تنفق يمينه ، ورجل ذكر الله خالياً ففاضت عيناه ” متفق عليه

ތަރުޖަމާޢީ: ﷲގެ ޢަރުޝީގެ ހިޔާވަހިކަން މެނުވީ އެހެން ހިޔަލެއްނުވާ ދުވަހު ހަތްމީހަކަށް އެއިލާހުގެ ޢަރުޝިކޮޅުގެ ހިޔާދެއްވާ ހުއްޓެވެ. އެއީ ޢަދުލުވެރި ވެރިމީހާޔާއި، ﷲއަށް އަޅުކަން ކުރުމުގައި ދެމިހުންނަ ޒުވާނާއާއި، މިސްކިތާއި އެމީހެއްގެ ހިތްގުޅުވާފައިވާ މީހާއާއި، ﷲއަށްޓަކައި ލޯބިވެ އަދި ﷲއަށްޓަކައި ވަކިވާ ދެމީހުންނާއި އަދި ދަރަޖައާއި ރީތިކަންހުރި އަންހެނަކު އޭނާގެ ނަފުސު ހުއްދަނޫންގޮތުގައި ބޭނުންކުރުމަށް ދަޢުވަތު ދިނުމުން ﷲ ދެކި ބިރުވެތިވަމޭ ބުނަމުން އެކަމުން ދުރުވާ މީހާއާއި، ކަނާތުން ދޭ ޞަދަޤާތް ވާތަށްވެސް ނޭނގޭހާ ސިއްރުން ޞަދަޤާތްކުރާ މީހާޔާ އަދި އެކަނިހުރެ ﷲ ހަނދުމަކޮށް އެމީހެއްގެ ލޮލުން ކަރުނަ އޮހޮރުވާ މީހާއެވެ.

(މުއްތަފަޤުން ޢަލައިހި)

ނިމުނީ

ނޯޓު: ތާބިޢީ ބޭކަލުންނަކީ އީމާންވެގެންވާ ހާލު ރަސޫލުﷲ ޞައްލަﷲ ޢަލައިހިގެ ވަސައްލަމަގެ އަސްޙާބު ބޭކަލުންނާއި ބައްދަލުވެ އީމާންކަންމަތީގައި އަވަހާރަވެފައިވާ ބޭކަލުންނަށް ކިޔޭނަމެކެވެ.

އަބްވާއަކީ މަދީނާއާއި މައްކާއާއި ދެމެދުގައި އޮންނަ ރަށެކެވެ

0 comments:

 
އިތުރު ލިޔުންތައް