Loading...

Sunday, July 15, 2012

ކުރިސްޓިޔަނުންނަށް ޖަވާބު ނުދެވޭ ސުވާލުތައް

ކުރިސްޓިޔަނުންނަށް ޖަވާބު ނުދެވޭ ސުވާލުތައް
އަބޫ ޢަބްދުﷲ ޅޮހީ
ޅެން: މިޅެމަކީ ޝެއިޚުލް އިސްލާމް އިމާމު އިބުނު ޤައްޔިމު އަލްޖައުޒިއްޔާ ރަޙިމަހުﷲ ލިޔުއްވާފައިވާ ވަރަށް މަޝްހޫރު ޅެމެކެވެ. އަދި ބަހުގެ ގޮތުންނާއި ޢިލްމީގޮތުންވެސް މާނަފުން ޅެމެއްމެއެވެ.

“އޭ ޢީސާގެފާނަށް އަޅުކަންކުރާ މީސްތަކުންނޭވެ. އަހަރެމެންގެ ސުވާލުތަކެއް އެބަވެއެވެ.

ކަލޭމެންގެ ބުއްދިތަކުން ނިކަން މިސުވާލުތަކަށް އަހަރެމެންނަށް ޖަވާބެއް ބޭނުން އެބަވެއެވެ.

އިލާހު ބަޔަކު ކުރިކަމަކަން މަރުވީ ކަމުގައި ވާނަމަ

ކަލޭމެން ތިޔަމަރާލި އިލާހަކީ އަޅެ ފަހެ ކޮންފަދަ އިލާހެއްބާއެވެ؟
އެބައިމީހުން އިލާހަށް އެކުޅަ ކަންތަކަށް އިލާހު އަނެއްކާ ރުއްސެވިބާވައެވެ؟

ފަހެ އެބައިމީހުން އިލާހު ރުއްސެވިކަމުގައި ވާނަމަ އުފާވެރިކަން އެބައިމީހުންނަށް ހުއްޓެވެ.

ފަހެ އެއިލާހާއި މެދު އެބައިމީހުން ކުރި ކަމަށް އިލާހު ނުރުހުންތެރިވެގެންވާ ހާލު ކުރިނަމަ

އެބައިމީހުންގެ ބާރު އެބައިމީހުންގެ އިލާހަށްވުރެ ގަދަވީތާއެވެ.

އެބައިމީހުން އިލާހު މަރާލުމުން މުޅި ކާއިނާތު އިލާހެއް ނެތި ހުސްވީހެއްޔެވެ؟

ދެން ފަހެ މީސްތަކުން ކުރާ ދުޢާތަކަށް އިޖާބަ ދެއްވަނީ ކޮންފަރާތެއް ހެއްޔެވެ؟

ފަހެ ސުވަރުގެޔާއި ހަތްއުޑު “އިލާހެއްނެތި” ފަޅުތަނަކަށް ވީހެއްޔެވެ؟

އެބައިމީހުން އިލާހު ބިމުގެ ދަށުގައި ބޭއްވި މައްޗަށް ފަސްއަޅާ ވަޅުލުމުންނެވެ.

ފަހެ ބިންތައް އަޅާލާނެ އިލާހެއް ނެތި ދޫކޮށްލެވިފައިވާ ތަނަކަށް ވީހެއްޔެވެ؟

އަދި ތަދުބީރުކުރާނެ ފަރާތެއްވެސް ނެތިމެއެވެ. އެއީ “އިލާހުގެ” ދެއަތަށް މޮހޮރު ޖެހުނު ހިނދެވެ.

ފަހެ މަލާޢިކަތް ބޭކަލުން “އެއިލާހަށް” އެހީނުވެ ދޫކޮށްލީ ކޮންފަދައަކުން ހެއްޔެވެ؟

އެއީ “އެއިލާހުގެ” ރުއިން އެބައިމީހުންނަށް އިވުނު ހިނދެވެ.

އެއީ ޙައްޤު އިލާހެއްކަމުގައިވާނަމަ އެލަކުޑި ދަނޑިބުރީގައި އިލާހު އެއްސުމުން

އެދަނޑިބުރިއަށް އިލާހު “އޮބަހައްއްޓާލެވުނީ” ކޮންފަދައަކުން ބާވައެވެ؟

އަދި އިލާހު އުފައްދަފާއިވާ ދަނގަޑު އެއިލާހާ ކައިރިކޮށް

އެދަނގަޑު ހެއްދެވި އިލާހަށް ގެއްލުން ދިނީ ކިހިނަކުންބާވައެވެ؟

އަދި އެއިލާހުގެ އަދުއްވުންގެ އަތްތައް އިލާހާއި ހިސާބަށް ފޯރީ ކިހިނަކުންބާވައެވެ؟

އަދި އެބައިމީހުންގެ އަތްތަކުން އިލާހުގެ ފުތްކިބައިގައި ބޮނޑިބޮނޑި އެޅީ ކިހިނަކުން ބާވައެވެ؟

ފަހެ މަޞީޙް ޢީސާ ޢަލައިހިއްސަލާމް އަމިއްލައަށް އަނެއްކާވެސް ދިރުމަށް ވަޑައިގަތީހެއްޔެވެ؟

ނުވަތަ އެކަލޭގެފާނު ދިރުއްވާ އިލާހަކީ އެހެން އިލާހެއް ނޫންބާވައެވެ؟

ފަހެ މީހަކު އަޖައިބެއްނުވާނެހެއްޔެވެ؟ އެބައިމީހުންގެ އިލާހު ލާފައި ކައްވަޅު އެބަންދުކުރީއެވެ.

އަދި އެއަޖައިބުކަން އިތުރުކުރަނީ އެކަލޭގެފާނު ގަރުބަގަނެ އެތަނެއްގައި އުފުލެވުނު ތަނަކާއި މެދުގައެވެ.

އެތަނުގައި އެކަލޭގެފާނު ނުވަމަސްވަންދެން އޮންނެވިއެވެ.

ކާނާއެއްކަމުގައި ލޭލިބޭހާލު އަނދިރިކަމުގެ މައްޗަށް އަނދިރިކަމުގައެވެ.

ދެން ބަނޑުން ކުޑަކުޑަ ތުއްތު ކުއްޖެއްގެ ގޮތުގައި އެކަލޭގެފާނު އުފަންވެ ވަޑައިގަތެވެ.

އެއީ ނިކަމެތި ކިރުބުއިމަށް އަނގަހުޅުވިފައިވާ ހާލުކޮޅުގައެވެ.

އަދި ކާންވެސް ކެޔެވެ. އަދި އެޔަށްފަހު ބޯންވެސް ބުޔެވެ. އަދި ޤުދުރަތީގޮތުން

ދިމާވާނެ ހުރިހާކަމެއް މެދުވެރިވިއެވެ. އަޅެ ބުނެބަލާށެވެ. މިއީ އިލާހެއްޔެވެ؟

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ނަޞާރާއިންގެ ދޮގުގެ މައްޗަށް މަތިވެރިވޮޑިގެންނެވެ.

ފަހެ އެބައިމީހުން ފެތުރި ދޮގާމެދުގައި އެބައިމީހުންނާއި ސުވާލުވެވޭ ހުއްޓެވެ.

އޭ ޞަލީބަށް އަޅުކަންކުރާ މީސްތަކުންނޭވެ. ނިކަން ބުނެބަލާށެވެ.

ފަހެ އެޞަލީބު މާތްކޮށް އެޔަށް ނުރުހުންތެރިވާމީހުންނަށް ނުބައިކޮށް ތިހިތަނީ ފަހެ ކޮންސަބަބަކާ ލައިގެން ހެއްޔެވެ؟

ފަހެ ބުއްދިއެއްހުރިމީހެއްނަމަ އެ އަންދާ ހަލާކުކޮށްލާނީއެއްނޫންބާވައެވެ.؟

އެއީ އެ އުފެއްދި މީހާއާއި އެކުގައެވެ.

ސަބަބަކީ އެ ޞަލީބުގައި “އިލާހު” ގޮށް ބާރުކޮށް އައްސާ

އޭގައި “އިލާހު” ޞަލީބަށް އެރުވުނީތީއެވެ.

އަދި އެހެންކަމަށްވާނަމަ ތިޞަލީބަކީ(ކުރޮސް) އުފުލަން ލަޢުނަތްލެއްވިގެންވާ އެއްޗެކެވެ.

އިލާހު އެއެއްޗެއްގައި މަރާލެވުނު ޞަލީބު ފެންނައިރަށް ފައިން ނާރަނީ ކީއްވެބާވައެވެ؟ އަދި އެފެންނަ އިރަށް ދޮންވެސްނުދޭށެވެ.

ފަހެ އިލާހަށް އަނިޔާދެވުނީ އެއެއްޗަކަށް އަރުވާފައި ބަހައްޓައިގެންނޫން ހެއްޔެވެ؟ ނަމަވެސް ތިބާ އެޔަށް ތިލޯބިކުރަނީއެވެ.

އަދި އެޔަށް އަޅުކަންކުރާ މީހެއްކަމުގައި ކަލޭވީމުއެވެ. ފަހެ ކަލޭވަނީ ކަލޭގެ އިލާހުގެ އަދުއްވެއްކަމުގައެވެ.

ފަހެ ކަލޭމެން ތިޔަ ޞަލީބު ތިމާތްކުރަނީ

އޭގައި ކަލޭމެންގެ އިލާހު ޞަލީބަށް އެރުވުނީމަހެއްޔެވެ؟

ތިހެންވިއްޔަ ބުނެބަލާށެވެ. ކަލޭމެން ކަލޭމެންގެ އަމިއްލަ ނަފުސުތަކުން މަހާނަތަކަށް ސަޖިދަ ނުކުރަނީ ކީއްވެހެއްޔެވެ؟

އެއީ ތިޔަބައިމީޙުންގެ އިލާހު މަހާނާގައި ވާތީއެވެ.

އޭ މަސީޚު ޢީސާ ޢަލައިއްސަލާމަށް އަޅުކަން ކުރާ މީހާއެވެ. ހޭވެރިވެލައްވާށެވެ.

އެކަލޭގެފާނުގެ ފެށުމަކީ އަދި ނިމުމަކީވެސް މިއެވެ

ނިމުނީ

والله أعلم.

ނޯޓު: ދިވެހި ބަހަށް ގެނައުމުގައި ޅެމަށް އުނިކަމެއް ނުވަތަ ގޯހެއް އައިސްފައިވާނަމަ އެއީ އަޅުގަނޑާއި ޝައިތާނާގެ ފަރާތުންނެވެ. ގޯހެއް ފާހަގަކޮށްލެވިއްޖެ ބޭފުޅަކު އަންގާލަ ދެއްވުން އެދެމެވެ.

ތަރުޖަމާކުރެވިފައި…

0 comments:

 
އިތުރު ލިޔުންތައް