Loading...

Monday, July 2, 2012

އިމާމު އަޙުމަދު ބިން ޙަންބަލްގެ ހަޔާތްޕުޅު ކުރުގޮތަކަށް

އިމާމު އަޙުމަދު ބިން ޙަންބަލްގެ ހަޔާތްޕުޅު ކުރުގޮތަކަށް
އަބްދުއްރަޙީމް
އެކަލޭގެފާނުގެ ނަސަބުފުޅު

އެކަލޭގެފާނަކީ ޢަހުމަދު ބިން މުޙައްމަދު ބިން ޙަންބަލް ބިން ހިލާލު ބިން އަސަދު ބިން އިދުރީސް ބިން ޢަބްދުﷲ ބިން ޙައްޔާން ބިން ޢަބްދުﷲ ބިން އަނަސް ބިން ޢައުފް ބިން ޤާސިޠު ބިން ޝައިބާން ޛުހްލު ބިން ޘަޢުލަބާ ބިން ޢުކާބާ ބިން ޞަޢުބު ބިން ޢަލީ ބިން ބަކުރު ބިން ވާއިލު ބިން ޤާސިޠު ބިން ހިންބު ބިން އަފްޟާ ބިން ދުޢްމިއްޔު ބިން ޖަދީލާ ބިން އަސަދު ބިން ރަބީޢާ ބިން ނިޒާރު ބިން މަޢުދު ބިން ޢަދުނާނެވެ.
ދިރިއުޅުއްވުމާއި ޢިލްމު އުގެނިވަޑައިގަތުމާއި އެހެނިހެން ކަންކަން

އަލްއިމާމު އަބޫ ޢަބްދުﷲ އަޙުމަދު ބިން މުޙައްމަދު ބިން ޙަންބަލް އައްޝައިބާނީ އެކަލޭގެފާނު ނިސްބަތްވެ ވަޑައިގަންނަވަނީ މަޝްހޫރު ޝައިބާނީ ޤަބީލާއަށެވެ. އެކަލޭގެފާނަކީ އެކަލޭގެފާނުގެ ޒަމާނުގައި އެންމެބޮޑު އެއް ޙަދީޘް އިލްމުވެރިޔާއެވެ. އަދި އެންމެ ގިނަ ޙަދީޘް ހިތުދަސް ކުރައްވާފައިވާ އެއްބޭކަލެވެ. އެކަލޭގެފާނު އުފަންވެވަޑައިގަތީ ހިޖުރީ ސަނަތުން 164 ވަނަ އަހަރު ރަބީޢުލް އައްވަލު މަހުގައި ބަޣުދާދުގައެވެ.

އަދި އެކަލޭގެފާނު ބޮޑުފުޅުވެ ވަޑައިގަތީ ޢިލްމު ޙާޞިލުކުރެއްވުމުގައެވެ. އަދި ބޮޑެތި ޝެއިޚުންގެ އަރިހުން ޢިލްމު ޙާޞިލުކުރެއްވިއެވެ. އިމާމު ޝާފިޢީ ރަޙިމަހުﷲ ތަޢާލާ އަކީ އެކަލޭގެފާނުގެ އުސްތާޛެކެވެ. އަދި އެކަލޭގެފާނުގެ ދަރިވަރުންގެ ތެރޭގައި ޙަދީޘް ޢިލްމުގެ ބޮޑެތި ބޭކަލުންކަމަށްވާ ޢިމާމު ބުޚާރީ ރަޙިމަހުﷲ، އިމާމު އަބޫދާވޫދު ރަޙިމަހުﷲ ފަދަ އެތައް އެތައް ޙަދީޘް ޢިލްމުގެ ބޮޑެތި ޢިލްމުވެރިންނެއް ހިމެނިވަޑައިގަނެއެވެ.

އެކަލޭގެފާނު ޢިލްމު ޙާޞިލުކުރެއްވުމަށާއި ޙަދީޘް ހިތުދަސްކުރެއްވުމަށްޓަކައި މުޅި ޢަރަބި ޖަޒީރާގައި ދަތުރުކުރެއްވިއެވެ. އެގޮތުން ބަޣުދާދުން ކިޔެވުން ޙާޞިލްކުރެއްވުމަށްފަހު ކޫފާއަށާއި ބަޞަރާއަށާއި މައްކާއަށާއި މަދީނާއަށާއި ޝާމަށާއި ޔަމަނަށާއި އަދިވެސް އެތައްތަނަކަށް ދަތުރުކުރައްވާ އެކަލޭގެފާނު ޢިލްމުނެންގެވި އުސްތާޛުންގެ ނަންތައް ލިޔުއްވިއެވެ. އެކަލޭގެފާނުގެ ދަތުރުތަކުގައި ދަތިތަކާއި އަދި ކިޔަވާކުދިންނަށް ޢިބުރަތް ލިބެނިވި ޝަޢުޤުވެރިވަނިވި އެތައް ޙާދިޘާތަކަކާއި ކުރިމަތިވެވަޑައިގަތެވެ. އެގޮތުން އެއްފަހަރެއްގައި އެކަލޭގެފާނުގައި މައްކާގައި ހުންނެވި ދުވަސްވަރު އެކަލޭގެފާނު ހޮހޮޅައިގައި ނާނޭފުޅު ފިއްލަވަން ހުންނަވަނިކޮށް ހެދުންކޮޅު ވަގަށްނެގުމުގެ ސަބަބުން ހޮހޮޅައިގައި ނުކުމެވަޑައިނުގަނެވި އެތައްދުވަހަކު ހުންނަވަން ޖެހިވަޑައިގަތެވެ. ޢިލްމުލިބުންވަނީ ބަލާއާއި މުޞީބާތްތަކަށް ކެތްތެރިވެގެންކަން ޔަޤީނެވެ.

އަބޫ ޛަރުޢާ ރަޙިމަހުﷲ ވިދާޅުވިއެވެ. “އިމާމު ޢަހުމަދު ބިން ޙަންބަލު ހާސް ހާސް (ޔަޢުނީ: އެއްމިލިޔަން) ޙަދީޘް ހިތުދަސްކުރެއްވިއެވެ.”

އެކަލޭގެފާނުގެ މިޙަދީޘްފޮތް ލިޔުއްވާފައިވަނީ އެއްމިލިޔަން ޙަދީޘްގެ ތެރެއިންވެސް ހަތްލައްކަ ފަންސާސް ހާސް ހަދީޘްތެރެއިންނެވެ.

އެކަލޭގެފާނަކީ އަޅުވެރި ބޭކަލެއްވެސް މެއެވެ. އެކަލޭގެފާނު ރޭގަނޑު އަޅުކަންކުރެއްވުމާއި އަދި ޤުރުއާން ކިޔެވުމުގައި ގިނަވަޤުތު ހޭދަކުރައްވައެވެ. ހަތްދުވަހުން ކީރިތިޤުރުއާން ހަތިމުކުރައްވައެވެ. އަދި އެކަލޭގެފާނަށް ވަރަށްބޮޑު އިމްތިހާނާއި ކުރިމަތިވެ ވަޑައިގަތެވެ. އެއީ ޢައްބާސީ ޚަލީފާއިން ޤުރުއާނަކީ މަޚުލޫޤެއް ކަމަށް ދައުވާކޮށް އެދައުވަތު ފެތުރުމަށް މަސައްކަތްކުރުމުން އެކަމާއި ދެކޮޅު ހެދި މަދު ޢިލްމުވެރިންގެ ތެރެއިން އެކަލޭގެފާނު ހިމެނިވަޑައިގަނެއެވެ. އަދި އެކަމުގެ ސަބަބުން ނުހަނު ގިނަ ދަތިއުނދަގޫ ކަންތައްތަކާއި ދިމާވެ ޖަލަށްލެވި ވަރަށް ބޮޑަށް އަނިޔާކުރެވުނެވެ. އިބުނު ކަޘީރު ރަޙިމަހުﷲ ލިޔުއްވާގޮތުގައި އެކަލޭގެފާނު ޖަލަށްލެވި އަނިޔާކުރެވުމަށްފަހު ގެއަށް ގެނެވުމުން އެކަލޭގެފާނުގެ ގައިން މަރުވެފައިވާ މަސްގަނޑުގަނޑު ކަނޑަންޖެހިވަޑައިގަތެވެ. އަދި އެކަލޭގެފާނަށް ޝިފާލިބުމުން ބިދުޢައިގެ އަހުލުވެރިންނޫން އެންމެންނަށް މަޢާފުދެއްވިއެވެ.
އެކަލޭގެފާނާއި ބެހޭގޮތުން ޢިލްމުވެރިން ޘަނާދަންނަވާފައިވެއެވެ.

އެގޮތުން އިމާމު ޝާފިޢީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.”ތިމަންކަލޭގެފާނު ޢިރާޤުން ނުކުމެވަޑައިގަތްއިރު، އަޙުމަދު ބިން ޙަންބަލަށްވުރެ ހުރިހާގޮތަކުންވެސް ރަނގަޅު، އަދި ވަރަޢަވެރި އަދި ތަޤުވާވެރި އެއްވެސް މީހަކު ތިމަންކަލޭގެފާނު ދެކިވަޑައިނުގަންނަވަމެވެ.”

ޙަދީޘްއިލްމުވެރިޔާ އިބުނު މަދީނީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “މީސްތަކުން މިދީނުން މުރުތައްދުވާން ފެށުމުން މިދީނަށް އަބޫބަކުރު ޞިއްދީޤު ރަޟިޔަﷲ އަންހުގެ އަތްމައްޗަށް ނަސްރުދެއްވިއެވެ. އަދި ފިތުނައިގެ ދުވަސްވަރު (އެބަހީ ޤުރުއާނަކީ މަޚުލޫޤެއްކަމަށް މީސްތަކުންނަށް ބުނުމަށް މަޖުބޫރުކުރުމުން އައި ފިތުނަ) އަޙުމަދު ބިން ހަންބަލުގެ އަތްމައްޗަށް މިދީނަށް ނަޞްރުދެއްވިއެވެ.”

އަދި ރިވެތިގޮތުގައި މުޞީބާތްތަކަށް ކެތްތެރިވެވަޑައިގަތެވެ.
އަވަހާރަވެވަޑައިގަތުން

އެކަލޭގެފާނު އަވަހާރަވެވަޑައިގަތީ ހިޖުރީ ސަނަތުން 241 ވަނަ އަހަރުގެ ރަބީޢުލް އައްވަލުމަހުގެ 12ވަނަ ދުވަހުވީ ހުކުރުވިލޭރެއެވެ. އެކަލޭގެފާނުގެ ފުރާނަފުޅު ދޫކުރެއްވީ އެކަލޭގެފާނުގެ އެދުމަށް އެކަލޭގެފާނުގެ އަހުލުން އެކަލޭގެފާނު ވުޟޫކުރައްވާ ނިމުނުތަނާއެވެ. އެކަލޭގެފާނުގެ މައްޗަށް އެތައްމިލިޔަން މީހުންނެއް ކަށުނަމާދުކުރިއެވެ. މިއީ ބަޣުދާދުގައި އެންމެ ގިނަ މީހުން ބައިވެރިވި އެއްކަށުނަމާދެވެ. މާތްﷲ އެކަލޭގެފާނަށް ހެޔޮރަޙުމަތްލައްވައި މަތިވެރިވެގެންވާ ސުވަރުގެ ތަކުގައި އެކަލޭގެފާނުގެ ދަރަޖަ އުފުއްލަވާ އެކަލޭގެފާނަށް ހެޔޮރަޙުމަތް ލައްވާށިއެވެ. އާމީން

0 comments:

 
އިތުރު ލިޔުންތައް