Loading...

Thursday, July 5, 2012

ޝެއިޚު އަލްބާނީ ރަޙިމަހުﷲގެ ހަޔާތްޕުޅުން ސަފުޙާތަކެއް 4

ޝެއިޚު އަލްބާނީ ރަޙިމަހުﷲގެ ހަޔާތްޕުޅުން ސަފުޙާތަކެއް 4
ޢަބްދުއްރަޙީމް
އެކަލޭގެފާނު ދަޢުވަތް ދެއްވުމުގައި ގެންގުޅުއްވި އަސާސް

ޝެއިޚުގެ ދަރިންވަރުންތައް ވަނީ ޔުނިވަރސިޓީތަކުންނާއި އަދި މިސްކިތްތަކުގައިވާ ދަރުސްތަކުންނާއި އަދި އެކަލޭގެފާނުގެ ލިޔުއްވުންތަކުގެ ޒަރީއާއިން ޢިލްމު ޙާޞިލްކޮށް މުޅި ދުނިޔޭގެ ތެރެއަށް ފެތުރިފައެވެ. ހުރިހާ ހަމްދެއްވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށެވެ. އަދި އެބައިމީހުން ދަނީ ޞައްޙަ ދީނުގެ މަޢުލޫމާތު ފަތުރައި އަދި މީސްތަކުންނަށް އެޢިލްމުތައް ފޯރުކޮށްދެމުންނެވެ.
ޝެއިޚުގެ މުޅި ދިރިއުޅުން ހޭދަކުރައްވާފައިވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ މަގަށް ގޮވާލުމުގެ މަތީގައެވެ. ހެއްކާއި ދަލީލާއިއެކުގައެވެ. އެކަލޭގެފާނު ގެންގުޅުއްވި ވައްޓަފާޅިއަކީ ތަސްފިޔާ އަދި ތަރުބިއްޔާ، އެއީ ޢިލްމާއި އަދި އަމިއްލަ ނަފުސު ތާހިރުކުރުމުގެ މައްޗަށެވެ. އެހެންކަމުން އެކަލޭގެފާނު ވެވަޑައިގެންފައިވަނީ މާތް މުދައްރިސަކަށެވެ. އަދި ތަރުބިއްޔަތުކުރާ ބޭކަލަކަށެވެ. އަދި އެކަލޭގެފާނުގެ އަދަބުތަކާއި އަދި ގެންގުޅުއްވި ސާދާ ގޮތްކޮޅުވެފައިވަނީ އެކަލޭގެފާނުގެ ދައުވަތުގެ އަސާސްތަކަށެވެ.


އެކަލޭގެފާނުގެ ސިފަފުޅުތައްޝެއިކުގެ ގައިގައި ވަރަށް މަތިވެރި ސިފަތައް އެކުލެވިފައިވެއެވެ. އެންމެ ފާހަގަކޮށްލެވޭ އެއްސިފައަކީ އެކަލޭގެފާނު ޢިލްމަށް ދެއްވާ ސަމާލުކަމެވެ. އަދި ޙައްޤުގެ މަގުގައި ފައިތިލަ ސާބިތުކުރައްވާލެއް ވަރުގަދަ ކަމާއި އަދި އެހެންމީހުންނާއި އެކު އުޅުއްވުމުގައި ގެންގުޅުއްވާ މަޑުމައިތިރި ސިފަތަކެކެވ. އަދި ޙައްޤަށް ރުޖޫޢަވުމުގެ އަވަސްކަމެކެވެ. އަދި ދަޢުވަތު ދެއްވުމާއި އަދި ޢިލްމު އުގެނި ވަޑައިގަތުމުގައި ދިމާވި ދަތި އުނދަގޫތަކަށް ކެތްތެރިވެ ވަޑައިގެން ގޮތެވެ. އަދި ދަޢުވަތަށްޓަކައި އެކަލޭގެފާނަށް ދިމާވި ނުރައްކާތަކާއި މަލާމާތްތަކަށް ކެތްތެރިވެ އެކަންކަމާއި ކުރިމަތި ލެއްވި ގޮތެވެ.

ގިނަ އިލްމުވެރިންގެ ތެރެއިން އެކަލޭގެފާނު ފާހަގަކޮށްލެވޭ އެންމެ ބޮޑު އެއްސަބަބަކީ އެކަލޭގެފާނު ސުންނަތުގައި ހިއްޕެވުމަށް ގަދައަޅައި މަސައްކަތްކުރެއްވުމާއި ސުންނަތް ދިރުއްވެވުމަށް އެކަލޭގެފާނު ކުރެއްވި މަސައްކަތްޕުޅެވެ. އަދި ޞަލަފުއް ޞާލިޙުންގެ މަގުގައި ސާބިތުވެލެއްވި މިންވަރެވެ. އަދި ސަލަފުއް ޞާލިހުން ގޮވާލެއްވި މަގަށް ގޮވާލި މީހުންނަށް އެކަލޭގެފާނު ލޯބިކުރެއްވި ގޮތެވެ. އަދި ބިދުޢަވެރިންނާއި ދެކޮޅަށް ރައްދު ދެއްވިލެއް ސާފުކަމާއި ހިކުމަތްތެރިކަމާއި ގަދަފަދަކަމެވެ.
އެކަލޭގެފާނުގެ މަޝްހޫރުކަން

މުޅީ ދުނިޔޭގެ ބިދުޢަވެރިންނާއި އެމީހުންގެ އަހުލުވެރިން ފިޔަވާ ހުރިހާ ޢިލްމުވެރިންނެއް ވަނީ ޝެއިޚުގެ އިލްމު ބަލައިގެންފައެވެ. އަދި ދުނިޔޭގެ އެތައްތަނެއްގައި އެކަލޭގެފާނަށް ވަނީ ޢީލްމުގެ ސަބަބުން އިއްޒަތާއި އަދި މަޝްހޫރުކަން ލިބިފައެވެ. ނަމަވެސް އެކަލޭގެފާނުއ އެކަމުގެ ފަހަތުން ދުވެވަޑައިނުގަންނަވައެވެ. އަދި ކިއެއްހެއްޔެވެ؟ އެކަލޭގެފާނު ބެއްލެވީ އެކަމުން ރައްކާވެވޭތޯއެވެ. ފިލޭތޯއެވެ. އެކަލޭގެފާނު އަބަދުވެސް ވިދާޅުވާ ކަމުގައިވެއެވެ. "މަޝްހޫރުވުމަށް ލޯބިކުރާ މީހާގެ މައިބަދަ ބިންދައިގެން ދާހުއްޓެވެ.(އެބަހީ އޭނާ ޙައްޤުގެ މަގުން އެއްކިބާ ވެދާނެއެވެ). ރަޙިމަހުﷲ


ދުނިޔަވީ ގޮތުން އެކަލޭގެފާނަށް މާބޮޑު އެހީތެރިކަމެއް ނުވަތަ އެނޫން ގޮތަކުންވެސް މާބޮޑު އެހީތެރިކަމެއް އެހެންބަޔެއްގެ ފަރާތުން ލިބިވަޑައި ނުގަނެއެވެ. އެކަލޭގެފާނުގެ ޢިލްމަކީ އެކަލޭގެފާނުގެ ވާސިތާކަމުގައި ބެއްލެވިއެވެ. އަދި ކެތްތެރިކަމަކީ އެކަލޭގެފާނުގެ މަގުކަމުގައި ބެއްލެވިއެވެ. އެކަލޭގެފާނު ކެތްތެރިވެ ވަޑައިގެން ބުރަމަސައްކަތް ކުރައްވައި ބުރަމަސައްކަތުން އާމްދަނީ ހޯއްދެވި ބޭކަލެކެވެ. އެކަލޭގެފާނު ދިރިއުޅުއްވުމަށްޓަކައި ގަޑިމަރާމާތުކޮށް ހެއްދެވި ބޭކަލެކެވެ. އެއްފަހަރެއްގައި މަދީނާގެ ޤުބާ މިސްކިތުގައި ހުރި ގަޑިއަކުން މާ ވަރުގަދަ އަޑެއް ކިޔާތީ(އެލާމް) ޝެއިޚު އެގަޑިޔަށް ހެއްދެވި ގޮތެއް ހެއްދެވި ފަހުން އެއްވެސް އަޑެއް ނުކިޔާކަމަށް ވެއެވެ.
އެކަލޭގެފާނުގެ ހަޔާތުގެ ފަހުކޮޅު އަދި އަވަހާރަވެ ވަޑައިގަތުން.
ޝެއިޚު ރަހިމަހުﷲ އިލްމު ޙާޞިލުކުރެއްވުން އަދި ޢިލްމަށް އެކަލޭގެފާނު އޮތްލޯބި މެދުކަނޑުއްވައި ނުލައްވައެވެ. އަދި ލިޔުންތެރިކަމުގައި އެކަލެގެފާނު ދެމހުންނެވިއެވެ. އަދި ކިޔަވާ ދެއްވުމުގައި އެކަލޭގެފާނުގެ އުމުރުން އ86 އަހަރަށް ދަންދެން ދެމިހުންނެވިއެވެ. އެކަލޭގެފާނުގެ އުމުރުގެ ފަހުކޮޅުގެ ދެމަސް ފިޔަވާ އެކަންކަމަކަށް އެކަލޭގެފާނުގެ ހިތްޖެހިފައިވާ ފޮތްލިޔުއްވުމާއި ސިޓީތައް ލިޔުއްވުމާއި އަދި ރެފަރެންސު ބެއްލެވުމާއި އަދި ޙަދީޘް ބެއްލެވުން ހުއްޓައިނުލައްވައެވެ. އެކަލޭގެފާނު އަވަހާރަވެވަޑައިގަތީ ހޮނިހިރު ދުވަހެއްގެ އިރުއޮއްސެން އުޅެނިކޮށް ޖުމާދަލް ޢާޚިރާ މަހުގައެވެ. އެއީ 1420 ވަނަ އަހަރުއެވެ. (10/2/1999) ގައެވެ.

ޝެއިޚުގެ ޖަނާޒާ ވަނީ ބޭއްވިފައިވަނީ އެކަލޭގެފާނު އަވަހާރަވީ ދުވަހުގައެވެ. އެކަލޭގެފާނުގެ ޖަނާޒާގައި ފަސްހާސް މީހުންނަށްވުރެ ގިނަމީހުން ބައިވެރިވިއެވެ. އެކަލޭގެފާނުގެ މައްޗަށް ކަށުނަމާދުކުރެވުނީ މުސައްލާއެއްގައެވެ. އެކަލޭގެފާނުގެ ޖަނާޒާ ވަނީ ވަރަށް އަވަހަށް ނިންމާލާފައެވެ. އެއީ އެކަލޭގެފާނުގެ ފަހުގެ ވަސިއްޔަތާއި އެއްގޮތަށެވެ. އެ ވަސިއްޔަތުގައިވަނީ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތާއި އެއްގޮތަށް އަމަލުކުރުމަށެވެ.

ޢިލްމުވެރިންނާއި އަދި ޢިލްމު އުގެނޭ ދަރިވަރުންނަށާއި އަދި ޢާންމުންނަށް ލިބިގެން ދިޔަ ބޮޑު ހިތާމައެއްކަމުގައި މެނުވީ ޝެއިޚުގެ އަވަހާރަވުން ނުވެއެވެ. ނަމަވެސް ކޮންމެ ނަފުސަކީވެސް މަރުގެ ރަހަދެކޭނެ ނަފުސެކެވެ. މާތްﷲ ޝެއިޚުގެ ފާފަ ފުއްސަވައި އެކަލޭގެފާނުގެ ފުރާނަފުޅަށް ސުވަރުގޭގެ އެންމެ މެތިވެރިވެގެންވާ ނިޢުމަތްތަކުން ނިޢުމަތް ދެއްވާށިއެވެ. އާމީން.
وصلى الله وسلم على نبينا محمد و على آله و صحبه. و الله أعلم
މަސްދަރު: ޝެއިޚު ޢަލްބާނީ ރަޙިމަޙުﷲގެ ރަސްމީ ވެބްސައިޓު

ކުރީގެ ބައިތައް ވިދާޅުވެލައްވާ
އެއްވަނަބައި
ދެވަނަބައި
ތިންވަނަބައި

0 comments:

 
އިތުރު ލިޔުންތައް