ކުޑަކުދިންގެ ވާހަކަ: ބަސްނޭހުމުގެ ނަތީޖާ

ކުޑަކުދިންގެ ވާހަކަ: ބަސްނޭހުމުގެ ނަތީޖާ
އަބޫ ޢަބްދުﷲ ޅޮހީ
މާމަ ވަރަށް މީރު ޗޮކްލެޓު ކޭކެއް ގަނެގެން ގެޔަށް ގެނެސްފިއެވެ.

އެކޭކުގައި ހުރީ ވަރަށް ރީތިކޮށް އައިސިން ޖަހާފައެވެ. މާޝާﷲ

އަދި ކޮންމެ ކުއްޖަކަށްވެސް ކޭކު ފޮއްޗެއް ދިނެވެ.

އަދި ބިސްމިﷲ ކިޔާފައި ހުރިހައި ކުދިން ކާން ފެށިއެވެ.
ޗޮކުލެޓު ކޭކު ހާދަ މީރެވެ. ޏަމް. ޏަމް. އަދިވެސް އެހެން ދުވަހަކުން ޗޮކްލެޓު ކޭކު ކާން ބޭނުން. އިންޝާﷲ.

އަދި ކައި ނިމިގެން ހުރިހާ ކުދިންވެސް އަލްޙަމްދުلله ކިޔެވެ.

ނަމަވެސް ހުރިހާ ކުދިންގެ ތެރެއިން އެއް ކުއްޖަކު ލިބުން ވަރު މަދުވެގެން ޝަކުވާ ކުރިއެވެ.

އިސާމް: އަޅުގަނޑަށް ކޭކު ލިބުނީ މާ މަދުން. އަދިވެސް ބޭނުން.

މާމަ: ދަރިފުޅާ ކޭކު ހުސްވެއްޖެ. ދެން ތިހެން ނަހަދާ އަވަހަށް ދަރިފުޅު އަތުގައި އޮތް ކޭކު ފޮތި ކާލާ..

އިސާމް: ނޫން. ބޮޑު ކޭކު ފޮއްޗެއް ކޮއްކޮ ކާނީ. އެހެން ބުނެ އަތް ފުރަގަހަށް ލައިގެން ހުރެ ރޯން ފެށިއެވެ.

އެވަގުތު ގޭގައި ގެންގުޅޭ ދޮންބާބަ އައިސް އިސާމްގެ ކޭކު ފޮތި ޖަހައިގަނެގެން ކާލައިފިއެވެ.

އެވަޤުތު އިސާމް އެޔަށް ވުރެ ބާރަށް ރޯންފެށިއެވެ.

މާމަ: ދަރިފުޅާ ލިބޭ މިންވަރަށް ޝުކުރު ކުރަން ވާނެ. މިއަދު ދެން ދަރިފުޅު ކޭކު ނުކައި ހުންނަން ތިޖެހުނީ. ބަސްނޭހުމުން. އިތުރަށް ކޭކެއް ނެތް. ދެން މިހެން އެހެން ދުވަހަކުން ކަންތައްނުކުރާތީ. ބަސްއަހާ ކުދިން މިކަހަލަ ކަންކަމެއް ނުކުރާނެ.

އިސާމް: ދެން ދުވަހަކުވެސް ކޮއްކޮ އެހެނެއް ނަހަދާނަން. އަޅުގަނޑަށް މާފުކުރައްވާ.

ދެން އޭގެ ފަހުން އަބަދުވެސް އިސާމް ލިބޭ މިންވަރަށް ޝުކުރުކުރެއެވެ.

އަދި ކެއުމުގެ ކުރިން ބިސްމިﷲ ވެސް ކިޔައެވެ.

އަދި ނިމުމުން އަލްޙަމްދުلله އޭ ބުނެ ﷲއަށް ޝުކުރުވެސް ކުރެއެވެ.

އަދި މަންމައާއި މާމަ އަދި ހުރިހާ ބޮޑެތި މީހުންގެ ބަސްއަހާ ފަސްވަޤުތު ނަމާދުކުރެއެވެ.

މިހާރު އާއިލާ އެންމެންވެސް އިސާމްދެކެ ލޯބިވެއެވެ.

އަދި އޭގެފަހުން އެއާއިލާ ވަރަށްއުފަލުގައި ﷲ ގެ ރަޙުމަތުން ﷲއަށް ޝުކުރުކުރާ ހާލު ދިރިއުޅެމުން ދިޔައެވެ.

ނިމުނީ.

މިވާހަކައިން ކޮއްކެމެންނަށް ލިބޭ ޢިބުރަތް

1. ލިބޭ މިންވަރަށް ޝުކުރު ކުރަން ވާނެއެވެ.

2. ރީތިކަމެއް ނުވަތަ އެއްޗަކަށް ތައުރީފު ކުރާނަމަ މާޝާﷲ އޭ ބުނަންވާނެއެވެ.

3. މުސްތަޤުބަލުގައި ކަމެއްކުރާނަމޭ ބުނާނަމަ އިންޝާﷲ އޭ ބުނަންވާނެއެވެ.

4. ކެއުމުގެ ކުރިން ބިސްމިالله (بسم الله ) ކިޔަންވާނެއެވެ. މާނައަކީ ﷲގެ އިސްމުފުޅުން ފަށަމެވެ.

5. ކައި ނިމިގެން އަލްހަމްދުلله (الحمد لله) ކިޔަންވާނެއެވެ. މާނައަކީ ﷲއަށް ޙަމްދުކުރަމެވެ.

6. ﷲސުބުޙާނަހޫ ވަތަޢާލާގެ ލޯތްބާއި ބޮޑެތި މީހުންގެ ލޯބި ލިބޭނީ ބަސްއެހުމުން ކަމެވެ.

Post a Comment

0 Comments