މަންމަން ފަޞާހާތްތެރިޔާގެ އަޖައިބުކުރަނިވި ދަރުސް


އަރުޒަމް ބުލޮގް
މިއީ ރިޔާޟުގެ މިސްކިތެއްގައި ކަންފަތަށް އަޑުނުއިވޭ އަދި ވާހަކަ ނުދެއްކޭ ޒުވާނަކާއި އަދި މަންމަން ލޮލަށް ނުފެންނަ ޒުވާނަކު ދީފައިވާ ދަރުހެކެވެ. މި އަސަރުގަދަ ދަރުސް ދިންގޮތް ކިޔުއްވުމަށްޓަކައި ކުރިޔަށް ވަޑައިގަންނަވާށެވެ.

ދުވަހަކީ އާދިއްތަ ދުވަހެކެވެ. ޝައިޚު އަރީފީ މިސްކިތުގައި މަޑުކޮށްލައިގެން އެހުރީ އެ މިސްކިތުގައި ދަރުސްދޭން ހަމަޖެހިފައިވާ ދެ ޒުވާނެއްގެ އިންތިޒާރުގައެވެ. އިރުކޮޅެއް ނުވެ މިސްކިތުގެ މައިދޮރު ކައިރީ އައިސް މަޑުކޮށްލީ އަބޫ ޢަބްދުﷲ ގެ ކާރެވެ. އަބޫ ޢަބްދުﷲ އަކީ މި ދެ ޒުވާނުން ބަލަހައްޓަމުންދާ ސެންޓަރުގައި ތަރުޖަމާނެއްގެ ގޮތުން މަސައްކަތްކުރައްވަމުން ގެންދަވާ ދައުވަތުގައި ވަރަށް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.


ޢަބޫ އަބްދުﷲ އާއި އެކު އެއްޒުވާނާ ހިނގަމުން އައިއިރު އަނެއްޒުވާނާއައީ ޢަބޫ އަބްދުﷲ އަތުގައި ހިފައިގެންނެވެ. އަތުގައި ހިފައިގެން ހުރި ޒުވާނާއަކީ ލޮލަށް ނުފެންނަ އަދި ކަންފަތަށް ނުއިވޭ އަދި ވާހަކަނުދެއްކޭ ޒުވާނެކެވެ. މިޒުވާނާގެ ނަމަކީ ފައިޒުއެވެ. އަދި ދެންހުރި ޒުވާނައަކީ ވާހަކަނުދެއްކޭ މަންމަން ޒުވާނެކެވެ. މި ޒުވާނާގެ ނަމަކީ އަޙުމަދެވެ.

ޝެއިޚު އަރީފީ އެބައިމީހުންނާއި ސަލާމްކުރުމަށްފަހު މިސްކިތުގެ ތެރެއަށް ވަދެއްޖެއެވެ.
އަދި ނަމާދަށްފަހު ދަރުސް ދިނުމަށްޓަކައި ގޮނޑީގައި ލޮލަށް ނުފެންނަ މަންމަން ޒުވާނާއާއި އަދި މަންމަން ޒުވާނާ އިށީންދެއްޖެއެވެ. މެދުގައި އިނީ އަބޫ ޢަބްދުﷲއެވެ. މިސްކިތުގައި ތިބި އެންމެން ތިބީ ހައިރާންވެފައެވެ. މަންމަން މީހަކާއި އަދި ލޮލަށް ނުފެންނަ މީހަކު ދަރުސްދޭނީ ކިހިނެއްބާވައޭ އެންމެން ބުނަމުންދާ ކަހަލައެވެ.

މަންމަން ޒުވާނާ ކަމަށްވާ އަޙުމަދުގެ ދަރުސް

އަބޫ ޢަބްދުﷲ ޙަރަކާތުން އަޙުމަދާއި ވާހަކަދެއްކުމުން އަޙުމަދުވެސް ޙަރަކާތުން އިޝާރާތްކޮށްފިއެވެ. އަދި މީސްތަކުންނަށް އެ ހަރަކާތުގެ މާނައަކީ ކޮބައިކަން ނޭންގުމުން ޝައިޚު އަރީފީގެ އެދުމުގެ މަތިން އަބޫ ޢަބްދުﷲ މައިކު ކައިރިކޮށްލުމަށްފަހު އަޙުމަދު ބުނަމުންދާ ވާހަކަތައް ކިޔައިދޭން ފެށިއެވެ.
" އަޙުމަދު ކިޔައިދޭން އެ އުޅެނީ އަޙުމަދަށް ތެދު މަގު ފެނުނު ގޮތެވެ. " އެޔަށްފަހު އިޝާރާތްތަކަށްފަހު އަނެއްކާވެސް އަބޫ ޢަބްދުﷲ ކިޔައިދޭން ފެށިއެވެ. " އަހަރެން އުފަންވީ ބީރު މީހެއްގެ ގޮތުގައި ޖިއްދާގައެވެ. އަހަރެންގެ އާއިލާއިން އަހަރެންނަށް މާ ބޮޑު އަޅާލުމެއް އަދި ސަމާލުކަމެއް ނުދެއެވެ. އަހަރެންނަށް މީސްތަކުން މިސްކިތަށް ދާތަން ފެނެއެވެ. ނަމަވެސް އެބައިމީހުން މިސްކިތަށް ދަނީ ކީއްވެކަން އަހަރެންނަކަށް ނޭންގެއެވެ. ވަރަށް ގިނައިން އަހަރެންނަށް އަހަރެންގެ ބައްޕަ މުސައްލަމަތީގައި ސަޖިދައަށާއި އަދި ރުކޫޢަށް ދާތަން ފެނެއެވެ. ނަމަވެސް އެކުރަނީ ކީއްކަން އަހަރެންނަކަށް ނޭންގެއެވެ. އަހަރެން އެކަމާއި ބެހޭ ގޮތުން ސުވާލުކޮށްފިނަމަ އެސުވާލަށް މާ ބޮޑު އަޅާލުމެއްނެތި އަހަރެން ހިތްހަމަޖެހޭފަދަ ޖަވާބެއް ނުދެވެއެވެ. "

ދެން އަބޫ ޢަބްދުﷲ ހިމޭންވެއްޖެއެވެ. އަދި އިޝާރާތުން އެއްޗެކޭ އަޙުމަދު ގާތު ބުނުމުން އަޙުމަދު އަނެއްކާވެސް ދަރުސް އިޝާރާތުން ކުރިޔަށް ގެންދަން ފެށިއެވެ. އިރުކޮޅެއް ނުވެ އަޙުމަދުގެ މޫނުމަތި މުޅިން ބަދަލުވެއްޖެއެވެ. އަސަރުކުރުމުގެ ސަބަބުން ރޮވެން ފެށިއެވެ. އަދި އިރުކޮޅެއްނުވެ އަޙުމަދު ބާރަށް ރޮމުން ދިޔައެވެ. އަދި އަބޫ ޢަބްދުﷲއަށްވެސް އަސަރުކުރުމުގެ ސަބަބުން އިސްދަށަށް ޖެހިއެވެ. މަންޒަރު ބަލަންތިބި މީހުންނަށްވެސް އެކަން އިޙުސާސްވަމުން ދިޔައެވެ. ނަމަވެސް އަޙުމަދު ރޮމުން ދިޔައީ ކީއްވެގެންކަން އެބައިމީހުންނަކަށް ނޭންގެއެވެ. އަޙުމަދު އިޝާރާތުން އަޙުމަދުގެ ވާހަކަތައް ކުރިޔަށް ގެންދިޔައެވެ.

އަޙުމަދުގެ އިޝާރާތް ހުއްޓާލުމާއެކު އަބޫ އަބްދުﷲ ކިޔައިދޭން ފެށިއެވެ. " މިހާރު އަޙުމަދު އެކިޔައިދިނީ އަޙުމަދަށް ތެދުމަގު ފެނި ހަޔާތް މުޅިން ބަދަލުވީ ގޮތެވެ. އަދި ﷲ ސުބުހާނަހޫ ވަތަޢާލާ އާއި އަދި އެއިލާހަށް ނަމާދުކުރަން ޖެހޭގޮތް އެނގުނު ގޮތުގެ ވާހަކައެވެ. އަޙުމަދަށް އެކަން އެނގުނީ އެއްދުވަހު މަގުމަތިން ދިމާވި މީހަކު އޭނާގެ މައްޗަށް ރަޙުމްވަދެގެން އެކަންތައްތައް ބަޔާންކޮށްދީ އޮޅުންފިވައިދިނުމުގެ ސަބަބުންނެވެ. އަދި އަޙުމަދު އެ ކިޔައިދިނީ ނަމާދު ކުރަން ފެށުމުން އަޙުމަދަށް ﷲ ސުބުހާނަހޫ ވަތަޢާލާގެ މަތިން ބޮޑަށް ހަނދާންވެ އެއިލާހާއި ކުއްތަންވެވޭ ކަމުގެ އިޙުސާސް ކުރެވުމުން ދާ ކަމަށެވެ. އަދި އަހުމަދަށް ދިމާވެފައިވާ ހާލަތުގެ ސަބަބުން އާހިރަތުގައި ލިބޭނެ މަތިވެރި ނިޢުމަތްތައް އެނގުމުގެ ސަބަބުންނާއި، މިހުރިހާ ކަމެއްގެ ސަބަބުން އަޙުމަދަށް އީމާންތެރިކަމުގެ ފޮނި އިޙުސާސް ކުރެވުމުން ދާ ވާހަކައެވެ. " އަދި އަޙުމަދު ކިޔައިދެމުން ދިޔަ ވަރަކަށް އަބޫ ޢަބްދުﷲ ކިޔައިދެމުން ގޮސް އަޙުމަދުގެ ވާހަކަތައް ނިމުމުން އަޙުމަދުގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލިއެވެ. (އަދި ނުނިމޭ)

އަސްލު: ޝައިޚު މުޙައްމަދު އަރީފީ ލިޔުއްވާފައިވާ " އެންޖޯއީ ޔުއަރ ލައިފު"
އެފޮތުން ނަގާފައިވާ ޙާދިޘާއެއް އަމިއްލަ އިބާރާތުން ލިޔެވިފައި

Post a Comment

0 Comments