ޝައިޚުލް އިސްލާމް އިބުނު ތައިމިއްޔާ ރަހިމަހުﷲގެ ހަޔާތްޕުޅުން ސަފުހާތަކެއް 3


الفقير الي الرحيم – عبد الرحيم
އިބުނު ތައިމިއްޔާ ޖިހާދުގެ މައިދާނުގައި ޝެއިޚުލް އިސްލާމް އިބުނު ތައިމިއްޔާ ރަޙިމަހުﷲ ތަޢާލާ ދެނެ ވަޑައިގަންނަވަނީ ހަމައެކަނީ ޤަލަމާއި ފޮތް އެކަންޏެއް ނޫނެވެ. އެކަލޭގެފާނަކީ ކަނޑިވެސް ހަމައެފަދައިން ދެނެވަޑައިގަންނަވާ ޖިހާދުގެ މައިދާނުގައި ހިތްވަރު ގަދަ ބޭކަލެކެވެ. މިއަދު އިސްލާމީ އުއްމަތަށް މިވަނީ މިފަދަ ޢިލްމުވެރިންނަށް ބޭނުންވެފައެވެ. މިއަދުގެ ހާލަތުގެ ދުލުން އިބުނު ތައިމިއްޔާ ރަޙިމަހުﷲ ފަދަ ޢިލްމުވެރިއަކަށް ބޭނުންވެފައިވާ ކަމަށް ގޮވަމުން ދަނީއެވެ. ނަމަވެސް... 
މިލާދީ ސަނަތުން 1300 ވަނައަހަރު މޮންގޯލުން ސޫރިޔާއަށް އެތަނުގެ ލަޝްކަރު ބަލިކުރުމަށްފަހު އެރިއެވެ. އަދި އެތަނުގެ ގިނަ އިލްމުވެރިންތަކެއް މިޞްރުން ސިޔާސީ ހިމާޔަތް ހޯއްދެވިއެވެ. ނަމަވެސް އިބުނު ތައިމިއްޔާ ރަޙިމަހުﷲ މި ހާލަތުގައި އެމައްސަލާގައި ނުކުމެވަޑައިގެން އެކަމަށް ހައްލެއް ހޯއްދެވުމަށް ހިތްވަރު ކުރައްވަމުން ދިޔައެވެ. އޭރުވެސް އެކަލޭގެފާނު ގެންދެވީ އިސްލާމީ ފިރުޤާތަކާއި ދެކޮޅަށް ނުހަނު ބުރަކޮށް މަސައްކަތްކުރައްވަމުންނެވެ. އޭގެ ތެރޭގައި ބާތިލް ފިރުޤާތައް ކަމަށްވާ ޝީއީންނާއި ސޫފީންނާއި އަދިވެސް އެނޫން ފިރުޤާތަކާއި ދެކޮޅަށް މަސައްކަތް ކުރެއްވިއެވެ. މިގޮތުން އެކަލޭގެފާނު ޢިލްމުވެރިންނާއިގެން އެވަގުތު ފާރިސްކަރައިގައި ހުރި އެމީހުންގެ ވެރިޔާގެ އަރިހަށް މުސްލިމުންނަށް ދޭ ހަމަލާތައް ހުއްޓާލާތޯ ވަޑައިގަތެވެ. އަދި ރިވާވެގެންވެއެވެ. އެއްވެސް ޢިލްމުވެރިޔަކަށް އެއްވެސް އެއްޗެއް ބުނާން ކެރިވަޑައެއް ނުގަތެވެ. ނަމަވެސް އިބުނު ތައިމިއްޔާ ކެރުން ތެރިކަން ކުރިޔަށް ނެރުއްވައި ވިދާޅުވިއެވެ. " އަހަރެމެންގެ ގައުމުތަކާއި އަދި ރަށްތައް އިސްތިއުމާރު ކުރަމުންދާ އިރު ތިބާއަކީ އަކީ މުސްލިމެއް ކަމަށާއި އަދި ތިބާގެ ގާތުގައި ބަންގި ގޮވާ މީހުންނާއި، އިމާމުންނާއި އަދި ޝެއިޚުން ވާ ކަމަށް ކަލޭ ދަޢުވާ ކުރަނީހެއްޔެވެ؟ ކަލޭގެ ބައްޕައާއި ކާފައާއި އަދި ހުލަޤޫ ޚާން އެހުރިހާ މީހުންނަކީ މިދީން ގަބޫލު ނުކުރާ މީހުން ކަމުގައިވިޔަސް އެމީހުން އެއްބަސްވެފައިވާ ފަދައިން އަހަރެމެންނަކަށް ހަމަލާއެއް ނުދެއެވެ. ނަމަވެސް ކަލޭ އެއްބަސްވުމަށްފަހު އެ އެއްބަސްވުން އުވާލައިފިއެވެ. " އެޔަށްފަހު އަނެއްކާވެސް ދެވަނަ ފަހަރަށް ތަތާރުންގެ އުނދަގޫ ބޮޑުވާން ފެށުމުން އިބުނު ތައިމިއްޔާ ނުކުމެވަޑައިގެން މީސްތަކުންނަށް ޖިހާދަށް ގޮވާލައްވައި ހިތްވަރުދެއްވަމުން ގެންދެވިއެވެ. އެކަލޭގެފާނުގެ އެންމެ މަޝްހޫރު ފަތުވާއަކީ މޮންގޯލު ތަތާރުންނާއި ދެކޮޅަށް ޖިޙާދުކުރެއްވުމަށް އެކަލޭގެފާނު ނެރުއްވި ފަތުވާއެވެ. އެކަލޭގެފާނުގެ ފަތުވާގައި މޮންގޯލުންނާއި ދެކޮޅަށް ޖިހާދު ކުރުން ހަމައެކަނީ ހުއްދަވާނީ ނޫންކަމާއި ނަމަވެސް އެމީހުންނާއި ދެކޮޅަށް ޖިޙާދުކުރުމަކީ ވާޖިބެއްކަން އެކަލޭގެފާނު ބަޔާންކުރެއްވިއެވެ. އަދި މިގޮތުން މޮންގޯލުންނާއި ދެކޮޅަށް ސޫރިޔާއާއި އަދި މިސްރުން ކުރި ހަނގުރާމާއިގައި އެކަލޭގެފާނުވެސް ބައިވެރިވެ ވަޑައިގަތެވެ. އަދި ވަރަށް ހިތްވަރު ކުރައްވައި އެމީހުންނާއި ދެކޮޅަށް ނަޞްރު ހޯއްދެވިއެވެ. އަދި މިހަނގުރާމައިގެ ސަބަބުން މޮންގޯލު ތަތާރުންގެ ޖަނާޒާ ފެށިގެންދިޔައެވެ. އެމީހުން މުޅި ދުނިޔެއަށް ފެތުރެމުން އައި ހަލުވި މިން ހުއްޓުވާލީ މުސްލިމުންނެވެ. އަދި އެމީހުންގެ ވެއްޓުން ފެށުނީ އެހިސާބުންނެވެ. މިއީ ދުނިޔޭގެ އެއްވެސް ބަޔަކަށް އެދުވަސްވަރު ހިފަހައްޓާ ނުލެވި ވައިރޯޅިއެއްހެން ދުނިޔެއަށް ހަލުވިކަމާއެކު ފެތުރިގެން ބަޔެކެވެ. ނަމަވެސް މާތްﷲ ކުޅަދުންވަންތަ ކަމުން އެމީހުންނާއި ދެކޮޅަށް މުސްލިމުންނަށް ނަޞްރުދެއްވައި ތަތާރުންގެ ތެރެއިން ގިނަބަޔަކު އިސްލާމްދީނުގެ މަތިވެރި އަޚުލާޤު ފެނުމުގެ ސަބަބުން އިސްލާމް ދީނަށް ވަދެގެން ދިޔައެވެ. އަދިވެސް މިހަނގުރާމާއިގެ އިތުރަށް މަމްލޫކުންނާއި އެކު އެކަލޭގެފާނު ހަނގުރާމަ ކުރެއްވިއެވެ. އަދިވެސް އިތުރު ހަނގުރާމައިތަކުގައި އެކަލޭގެފާނު ބައިވެރިވެ ވަޑައިގެންފައިވެއެވެ. އެކަލޭގެފާނަކީ މިއުއްމަތުގެ ވަރަށް ގިނަކަންކަން އެދުވަސްވަރު ވެއްޓިފައިވާ ވަޅުގަނޑުތަކުން މިއުއްމަތް ނެންގެވުމަށް މަސައްކަތް ކުރެއްވި ބޭކަލެކެވެ. އެދުވަސްވަރުވެސް އޭރުގެ ސަރުކާރުތަކާއި އެއްބައިވެގެން ޖިޙާދު ކުރުމަކީ ނެތްކަމަށް ބުނަމުން އައި ޝެއިޚުންނާއި އަދިވެސް އެނޫން މީހުންގެ ޒިކުރާ މިއަދު ނުކުރެވޭ އެއްސަބަބަކީ ކޮބައިތޯ ވިސްނާލަން ޖެހެއެވެ. އިމާމް މާލިކު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. : ﷲ އަށްޓަކައި އިޚުލާސްތެރި ކަމާއެކު ކުރެވޭ ކަމެއްނޫނީ ދެމިގެން ނުދެއެވެ. މިއަދު ފެންނަމުން ދަނީ މިކަމެވެ. ޝައިޚުލް އިސްލާމް އިބުނު ތައިމިއްޔާ އެކަލޭގެފާނުގެ ޢިލްމާއި އެކަލޭގެފާނުގެ މަސައްކަތްޕުޅުތަކަށް މިއަދު ދަނީ ޙައްޤު ޤަދަރުދެވެމުންނެވެ. އެޔަށް އިޙުތިރާމްކުރެވެމުންނެވެ. ނަމަވެސް އެދުވަސްވަރު ފަދައިން މިއަދުވެސް ތަފާތު ފިކުރުތަކުގެ މީހުން އެންމެ ރުޅިއަރާ އެކަކީ އެކަލޭގެފާނު ކަމުގައިވެފައިވެއެވެ. ދެން އަންނަ ލިޔުމެއްގައި އެބަޔަށް އިންސާފުކޮށްލެވޭތޯ ބަލާނަމެވެ. ( ނުނިމޭ)

Post a Comment

0 Comments