ޝައިޚުލް އިސްލާމް އިބުނު ތައިމިއްޔާ ރަހިމަހުﷲގެ ހަޔާތްޕުޅުން ސަފުހާތަކެއް 2


الفقير الي الرحيم – عبد الرحيم
އެދުވަސްވަރުގެ ހާލަތު އިމާމް އިބުނު ތައިމިއްޔާގެ އެންމެ މައިގަނޑުގޮތެއްގައި ޙާޞިލުކުރައްވާފައިވަނީ ހަންބަލީ މަޒުހަބުގެ ފިޤުހު ކަމުގައިވިޔަސް އެކަލޭގެފާނު އެހެން ހުރިހާ މަޒްހަބުތަކެއްވެސް ވަރަށް ރަނގަޅަށް ދިރާސާކުރައްވާ އެމަޒުހަބުތަކާއި ބެހޭގޮތުން ޢިލްމު ޙާސިލުކުރައްވާފައިވެއެވެ. އަދި އަދަބިއްޔާތުގައިވެސް އެކަލޭގެފާނަކީ ފުންނާބުއުސް ބޭފުޅެކެވެ. އެކަލޭގެފާނަކީ ކީރިތި ޤުރުއާނާއި އަދި ސުންނަތުގައި އެޒަމާނުގައި އެންމެ އިލްމުވެރި އެއްބޭކަލެވެ. އަދި އޭގެ އިތުރުން ގުރީކުންގެ ފަލްސަފާއާއި އިސްލާމީ ތާރީޚާއި ސޫފީންނާއި އަދި އެކަލޭގެފާނުގެ ކުރީގެ އިލްމުވެރިން ލިޔުއްވި ފޮތްތައް ވަރަށް ރަނގަޅަށް އެކަލޭގެފާނު ދެނެވަޑައިގަނެއެވެ. މިކަން އެނގެނީ އެކަލޭގެފާނު ފަހުން ލިޔުއްވާފައިވާ ފޮތްތަކުގެ ޒަރީއާއިންނެވެ. 
އެކަލޭގެފާނަކީ ކިޔަވާވިދާޅުވީ ހަންބަލީ މަޒުހަބުގެ ފިޤުހު ކަމުގައިވިޔަސް އެއްވެސް ހާލެއްގައި ބޭއިންސާފު ގޮތެއްގައި މަޒްހަބަށް ބުރަވެ ވަޑައިގެން ތައައްސުބުވެ ވަޑައިގެންފައިނުވެއެވެ. އެކަލޭގެފާނު ފިޤުހީ މައްސަލައެއް ލިޔުއްވާނަމަ މަޝްހޫރު ހަތަރު ފިޤުހީ މަޒުހަބަށް ރިއާޔަތް ކުރައްވައި ހަތަރު މަޒުހަބުގެ ރައުޔުތައް ބަޔާންކުރައްވައެވެ. އަދި އެކަލޭގެފާނު މަޒުހަބުތަކާއި ހިލާފުވާ ފަހަރުތައްވެސް އައިސްފައިވެއެވެ. އެކަލޭގެފާނަކީ ކޮންމެކަމަކާއި ބެހޭގޮތުންވެސް އަމިއްލައަށް ވިސްނަވައި ފިކުރުކުރެއްވި ބޭކަލެކެވެ. އެއްވެސް ހާލެއްގައި ކަނުލޯތްބެއްގައި އެއްވެސް ކަމަކަށް ވެއްޓިވަޑައިގެންނެވި ބޭފުޅެއް ނޫނެވެ. އެކަލޭގެފާނުގެ ކޮންމެ މަސައްކަތެއްގައިވެސް ކީރިތިޤުރުއާނާއި ސުންނަތަކީ އަސާސް ކަމުގައި ދެކެވަޑައިގަނެއެވެ. އަދި ޤުރުއާނާއި ސުންނަތުން ސާބިތުވާން ނެތްކަން ކަމުގައި އިޖްތިހާދު ކުރެއްވުމަށް އެކަލޭގެފާނު ފަސްޖެހިވަޑައިގެންފައި ނުވެއެވެ. މިދުވަސްވަރަކީ ސިޔާސީގޮތުންނާއި އަދި އަސްކަރީގޮތުންވެސް އިސްލާމީ އުއްމަތް ވަރަށް ދަށް ހާލަތަކަށް ވެއްޓިފައިވާ ދުވަސްވަރެކެވެ. މިދުވަސްވަރުގެ ހާލަތުއޮތީ ވަރަށްވެސް ނާޒުކު ފައްތަރެއްގައެވެ. އިބުނު އަޘީރު ރަޙިމަޙުﷲ އިބުނު ތައިމިއްޔާ ރަހިމަޙުﷲ އުޅުއްވި ދުވަސްވަރުގެ ހާލަތު ބަޔާންކުރައްވަމުން ލިޔުއްވާފައިވެއެވެ. " އިސްލާމްދީނާއި އަދި މުސްލިމުންނަށް އެދުވަސްވަރުވަނީ އެހެންއެއްވެސް ބަޔަކަށް ނުޖެހޭ ފަދަ ބޮޑު މުސީބާތެއް ޖެހިފައެވެ. އޭގެތެރެއިން އެއް މުސީބާތަކީ ތަތާރުން އިސްލާމީ އުއްމަތުގެ ރަށްތައް ހިފަމުން ދިޔަ ދިޔުމެވެ. އެމީހުން އިރުމަތިން އައިސް އެތައް މުސީބާތްތަކެއް ޖައްސައި އެތައް ގެއްލުންތަކެއް ދީފިއެވެ. އަނެއް މުސީބާތަކީ ހުޅަނގުން އައި ސަލީބީންގެ މުސީބާތެވެ. އެމީހުން މިސްރާއި އަދި މެސަޕޮޓޭމިއާ އަޅުވެތިކޮށްފިއެވެ. އަދި މުސްލިމުންނަށް އެބައިމީހުންނާއި ދެކޮޅަށް ނަސްރު ނުލިބެއެވެ. އަދި ތިންވަނަ މުސީބާތަކީ މުސްލިމުން އެބައިމީހުން އަމިއްލައަށް ބައިބައިވެ އެއްބަޔަކު އަނެއްބަޔަކާ ދެކޮޅަށް ކަނޑިއުފުލަމުން ދާ ދިޔުމެވެ. މި ބިރުވެރި މުސީބާތްތަކުގެ އިތުރުން ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމަ ގެންނެވި ސާފު މަންހަޖާއި އަދި ސަލަފުން ސާލިހުންގެ މަންހަޖު ދޫކޮށް އެހެން ފިރުޤާތަކަށް އުޅޭ މީހުން ގެ ބަލާއާއި މުސީބާތްވެސް ވަނީ މުސްލިމު އުއްމަތަށް ޖެހިފައެވެ. އެއީ އަލް ޤަޒާލީގެ ދައުވަތުގެ ސަބަބުންނެވެ. ޙާއްސަކޮށް މިބައިގައި ޖެހިފައިވަނީ އަލަށް އިސްލާމްވާ މީހުންނެވެ. އަދި އެބައިމީހުންގެ ދައުވަތު ދަނީ ގަދަފަދަކަމާއެކު ފެތުރެމުން އޭގައި ވަރުގަދައަށް ހިފެހެއްޓެމުންނެވެ. މިޔާއެކު އަލް އަޝަރީގެ އަޤީދާވެސް ދަނީ ގަދައަށް ފުޅާވެ ގަބޫލުކުރާ މީހުންގިނަވަމުންނެވެ. އެބައިމީހުންނަކީ އަހުލުއް ސުންތައް ޖަމާއަތާއި މުއްތަޒިލާ ގެ މަސްހުނި ގަނޑެކެވެ. އަދި މިޔާއެކު ތަޣުލީދަށްވެސް ދަނީ ޢަމަލުކުރެވެމުންނެވެ. އެހެންނަމަވެސް ދީނުގެ މައުލޫމާތާއި ފިޤުހާއި އަދި ހަދީޘް ފަދަ ފަންނުތަކުގެ އިލްމުތަކާއި އެމަޢުލޫމާތު ތަކުގެ މަސްދަރުތަކާއި އަދި އަސްލުތައް ބޭނުންވަރަކަށް އެއްވެސް ހައްދެއްނެތި ލިބޭނެ އަދި ބެލޭނެ މަގުތައް އެބަހުއްޓެވެ. ގިނަ މީހުން އެބައެއްގެ އިމާމުން ނުވަތަ ޝެއިޚުން ކިޔަވާދެއްވާ ގޮތް އެއްވެސް ވަރަކަށް ބަލާލުމެއްނެތި އެ މައުލޫމާތު ތަކަކީ ތެދުތޯ ނުވަތަ ނޫންތޯ ނުވަތަ އެއީ ސައްޙަ އެއްޗެއްތޯ ނުވަތަ ނޫންތޯވެސް ބަލާނުލާ ކަނުލޯތްބެއްގެ ސަބަބުން ޤަބޫލުކުރަމުންދަނީއެވެ. " ދެން އަންނަ ލިޔުމުގައި އިމާމް އިބުނު ތައިމިއްޔާގެ ޖިހާދު ( އިތުރަށް އޮތްބައި ދެން އަންނަ ހަފުތާގެ ބުރާސްފަތި ދުވަހު ﷲގެ މަދަދާއެކު)

Post a Comment

0 Comments