Loading...

Friday, October 12, 2012

ސަމާސާ އަދަބު: ރާއްޖެއެންމެން އެއްފަހަރާ ބިލިއަނަރުންނަށް ވާނީ ކިހިނެއް؟

ސަމާސާ އަދަބު: ރާއްޖެއެންމެން އެއްފަހަރާ ބިލިއަނަރުންނަށް ވާނީ ކިހިނެއް؟
ޅޮހީ

ނޯޓު; މިބުލޮގުގެ ފަރާތުން މީގެކުރިންވާނީ ދިވެހިރާއްޖޭގައި ފެންމަތީގައި ފުލޯޓިން އައިލަންޑު ހަދާނެގޮތަށް ހުށައަޅައިދީފައެވެ. ކޮންމެއަކަސް އެކަން ޙަޤީޤަތަކަށްވުމުގެ ކޮޅުމަތި މިއަދުމިވަނީ ފެންނަން ފަށާފައެވެ. ވީމާ މިފަހަރު ދިވެހިރާއްޖޭގެ ހުރިހާ އަޚުންނާއި އުޚުތުންނަށް މިހުށައަޅާލަނީ ވަރަށް ފަސޭހައިން ހުރިހާ ދިވެހިން ބިލިއަނަރުންނަށް ވެވިދާނެ ގޮތެއްގެ ވާހަކައެވެ. ކުރިޔަށް ވަޑައިގަންނަވާށެވެ ކޮންމެހެން މީ އަޅުގަނޑުގެ ހިޔާލެއްކަމުގައިވުން ލާޒިމެއްނޫނެވެ

ދިވެހިރާއްޖެއަކީ ހުރިހާގޮތަކުންވެސް މުހިންމު ލޮކޭޝަނެއްގައި އޮތް ގާތްގަނޑަކަށް 1200 ޖަޒީރާގެ މައްޗަށް އެކުލެވޭ ރަށެކެވެ. ދުނިޔޭގެ ބޮޑެތި ބާރުތައް އަބަދުވެސް އެތިބެނީ މިރަށްތަކަށް ކަޅިއަޅައަޅައެވެ. އެބައިމީހުން ވާދަކުރަމުން އެދަނީ އެންމެ ގާތްގުޅުމެއް ބޭއްވޭނީ ކޮން ގައުމަކުންތޯއެވެ؟ ޗައިނާ ޖަޕާން އިންޑިޔާ އެމެރިކާއަށްވަނީ ދެވަނަ ބޮޑު ހަނގުރާމައިގައި މިރާއްޖެ އޮތް މުހިންމު ލޮކޭޝަނުގެ މުހިންމުކަނ އެނގިފައެވެ. މިކަމުގެ ސަބަބުން ރާއްޖެ ކޮންޓުރޯލު ކުރާ ބަޔަކަށް ނުހަނު ގިނަ ބާރުތައް ލިބޭނެ ކަމާމެދު ޝައްކެއްނެތެވެ. ވީމާ ދިވެހިންނަށް ވަރަށް ފަސޭހައިން ބިލިއަނަރުންނަށް ވެވިދާނެއެވެ. ހުރިހާ ދިވެހިންނަށެވެ. އެއީ ދިވެހިރާއްޖެ މިއިން ގައުމަކަށް ވިއްކާލުމެވެ. އާނއެކެވެ. ހައިރާންވެ ނުލައްވާށެވެ. ހަމަ ވިއްކާލައިގެންނެވެ.


ވިއްކާލާނީ ކިހިނެއް؟
އެންމެ ފުރަތަމަ މިކަމަށް ޙާއްޞަކޮށް ސިޔާސީ ޕާރޓީތަކާއި ޖަމާޢަތްތައް އުފައްދާނީއެވެ. ޕާރޓީގެ ނަމަކަށް ހުރިހާ ދިވެހިން ބިލިއަނަރުންނަށް ހަދާ ޕާރޓީ ކިއިދާނެއެވެ. މިޕާރޓީގެ މައިގަނޑު މަޤުސަދަކަށް ވާންޖެހޭނީ ރާއްޖެ ގަންނާނެ ބަޔަކު ހޯދުމާއި ޢާންމުން މިކަމަށް ހޭލުންތެރިކޮށް މެންބަރުންގިނަކޮށް ރާއްޖެ ކޮންމެ މީހަކަށް އެއްބިލިއަން ޔޫއެސް ޑޮލަރު ލިބޭ އުސޫލުން ރާއްޖެ ވިއްކާލަން ހަމަޖައްސަންޖެހޭ ކަންކަން ހަމަޖައްސައި މިކަމަށް ޢާންމުންނަށް ފެންނަކަމެއްތޯ ބެލުމަށް ހިިޔާލު ހޯދުމެވެ. އަދި ބިލިއަނަރުންނަށް ވުމުން އުޅެން ޖެހޭނެ ގޮތް ދަސްކޮށްދޭ ކޯސްތައް ހިންގުމެވެ. ނޭންގި ތިއްބާ މާ ގިނަ ލާރިގަނޑެއް ލިބިއްޖިއްޔާ އާސަންދައަށް ވީހެން ވެދާނެއެވެ. ބޭކާރު ކަންކަމަށް ހަރަދުކޮށް ބަލިވާ އިރު ލާރިކޮޅު އޮންނަނީ ހުސްވެފައެވެ.

އިސާހިތަކު މިއީ އެންމެ މީހުން ގިނަ ޕާރޓީއަށްވެ އެންމެ ޒުވާނުން ގިނަ ޕާރޓީއަށް ވެދާނެއެވެ. އަދި އެންމެ އަންޑަރގުރައުންޑު ބާރުގަދަ ޕާރޓީއަށްވެސް ވެދާނެއެވެ. މުއްސަނދިވާން ބޭނުން ނުވާނީ ކާކުހެއްޔެވެ؟

ވިއްކާނެ ގޮތް
ރާއްޖޭ ވިއްކާލާނީ ސީދާ އަތުން އަތަށް ކޭޝް ލިބޭ އުސޫލުން ކޮންމެ ދިވެހި ބޮލަކަށް އެއްބިލިއަން ޑޮލަރު ލިބޭ އުސޫލުންނެވެ. އެއީ ރާއްޖޭގެ ނަމުގައި ހުރި ހުރިހާ ލޯނެއް ދައްކައިދޭ މަތިންނެވެ. އަދި ރާއްޖޭގައި ހުރި ވަޅުރުށް ބަންޑާރަގޯތި ބަނބުކެޔޮގަސް ކުކުޅުހާފަދަ ތަކެއްޗަށް އިންސާފުވެރި ބަދަލެއް ދޭންޖެހޭނެއެވެ. އަދި ރާއްޖޭގައި އޮތް ކޮންމެ އިންވެސްޓަކަށް އެއިންވެސްޓަކާ އެއްވަރު ބައިނަލްއަޤުވާމީ ވިޔަފާރިއެއްގެ ހިއްސާ ލިބިދޭން ޖެހޭނެއެވެ. އެއީ ފޭސް ބުކު ޓުވިޓަރ ގޫގަލް ޔާހޫ މައިކުރޯސޮފްޓުން ހިއްސާއެއް ގަނެދީގެން ކަމަށްވިޔަސް ވަރިހަމައެވެ.
އަދި ރާއްޖެ އެންމެ ބިލިއަނަރުންނަށް ހަދާ ޕާރޓީއިން އެމީހަކު ބޭނުންގައުމަކުން ސިޓިޒެންސިޕް ހޯދައިދީ ވިލާތައް އަޅައިދިނުމުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސައިދޭނެއެވެ.

ވިއްކާލުމަށްފަހު
މިއީ މުޅި ދުނިޔޭގެ އިޤުތިސާދު ބަދަލުކޮށްލާނެ ކަމެކެވެ. ދުނިޔޭގެ އެންމެ މުއްސަނދިންނަށް ދިވެހިން ވުމާއެކު ދިވެހިން މަސްހޫރުވެ ދިވެހި އުފެއްދުންތައް ބައިނަލް އަޤުވާމީ ބާޒާރުގައި އުފައްދަން ފަށާނެއެވެ. ވިލާ ކޮންމެނީވެސް އޭރުން ދުނިޔޭގެ ބޮޑެތި ކުންފުނިތަކާ ވާދަކުރާ ބައިނަލްޢަޤުވާމީ ކުންފުންޏަކަށް ވާނެއެވެ. އަދި ރާއްޖެ ކޮންމެ ސިޔާސީ ޕާރޓީއަކަށް ދުނިޔޭގެ ފެންވަރުގެ ވިޔަފާރިއެއް ހޯދަދެވޭނެއެވެ. އެއީ މަކަރު ހަދައިގެން ބަޖެޓްކައިގެން އުޅުމުގެ ބަދަލުގައި ހަލާލު ވިޔަފާރިއެއް ކޮށްގެން ލާރިިހޯދުން މާ ރަނގަޅު ކަމަކަށް ވާނެތީއެވެ. އޭރުން ދުނިޔޭގައި އެންމެ ނުފޫޒުގަދަ ބަޔަކަށް ވާނީ ދިވެހިންނެވެ. އެމެރިކާގެ ރިޔާސީ އިންތިހާބު ޔަހޫދީންގެ ބަދަލުގައި ކޮންޓުރޯލް ކުރާނީ ދިވެހި ބިލިއަނަރުންނެވެ. އޭރުން ފަލަސްތީން މިނިވަންވާން މާ ގިނަ ދުވަހެއް ނުވާނެތާއެވެ. ޔާ ސަލާމް. އަދި ދިވެހިންނަށް އެތައް ރިކޯޑުތަކެއް ލިބޭނެއެވެ. އޭގެ ތެރޭގައި ދުނިޔޭގައި ގައުމު އެންމެން އެއްފަހަރާ ބިލިއަނަރުންނަށް ވީ ރިކޯޑު އަދި އެންމެ ފުރަތަމަ ޑޮލަރު ކޮޅަކަށް ގައުމު ވިއްލާކި މީހުންގެ ރެކޯޜޑު އަދި އެންމެން އެއްފަހަރާ ގައުމުން ފޭބި ރެކޯޑު މިހެން ގޮސްއެތައް ރެކޯޑެއް އޮންނާނެއެވެ.


އަދި މި ޕާރޓީން ވިއްކާލުމަށްފަހު ކޮންމެ ދިވެއްސަކަށް އެއްބިލިޔަން ޑޮލަރުގެ އިތުރުން އިތުރު ޚިދުމަތްތައް ދެވޭނެއެވެ. އަދި މާލެ ވަރު ބިމެއް ކޮންމެ މީހަކަށްވެސް އޮސްޓުރޭލިޔާ ނުވަތަ ކެނެޑާ ފަދަތަންތަނުން ގަނެދެވޭނެއެވެ. އަދި މިތަންތަނުގެ ބޭރުގައި ދިވެއްސަކަށް ވީތީ ފަހުރުވެރިވަމާ މިހެން ޖަހާފައިވެސް އޮންނާނެއެވެ.
އަދި އެނޫން ފައިދާވެސް އޮންނާނެއެވެ.

ޚުލާސާ
ރާއްޖޭގައި ކޮންމެ ބޮލަކަށް އެއްބިލިޔަނުގެ ރޭޓުން ރާއްޖެ ވިއްކާލުން
މިކަން ތަންފީޒުކުރަން ޕާރޓީއެއް އުފެއްދުން. މިޕާރޓީ ގެ މަސައްކަތް ވިއްކާލުމުން ނިމޭނެއެވެ.
ބިލިއަނަރަނުންނަށް ވެގެން ބޭނުން ގައުމަކަށް ދެވުން
ދިވެއްސަކަށް ވީތީ ޤައުމު ވިއްކާލާފައި އުޅުން
މިހާރު ތިޔަގޭގެ އެންމެނަކީ ހުސް ބިލިއަނަރުންނެވެ.
ދެން ކޮންމެ އަހަރަކު ޗުއްޓީ ހޭދަކުރަން ރާއްޖެއަންނަންވާނެއެވެ.
މެޖޯރިޓީ ލިބިއްޖިއްޔާ އެއްބިލިއަން ޑޮލަރު ހަމައެކަނި ޕާރޓީ މީހުންނަށްވެސް ލިބޭގޮތް ހަދަން ޖެހިދާނެއެވެ.
އަދި ބަދަލުވާން ބޭނުން ނުވާ މީހުންނަށް ފުލޯޓިން އައިލަންޑު އަޅައިދެވޭނެއެވެ. އެއީ ދުނިޔޭގެ ކޮންމެ ތަނަކަށްވެސް ދަތުރުކުރެވޭ ގޮތަށް ހަދާފައި އޮންނަ މި ތަފުސީލުތައް ހުރިފަދައިން ހެދިފައިވާ ރަށެކެވެ.
ނިމުނީ

ނޯޓު; މިލިޔުމުގައިވާ މައިގަނޑު މިހިޔާލަކީ ރާއްޖޭގެ މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ކެފޭއެއްގައި އިންނަވައިގެން ފާޅުކުރައްވާފައިވާ ހިޔާލެކެވެ.  ޑިމޮކްރަސީ އައުމާ އެކު މީސްތަކުން ވިސްނާ އެއްޗަކީ ހަމައެކަނި ލާރި ޑޮލަރު ކަމުގައި ވެއްޖެއެވެ. މީސްތަކުން ހަލާކު ވެއްޖެއެވެ. އިންސާނިއްޔަތުގެ އަގު ގެއްލިއްޖެއެވެ. ދީން ޗާރޓުން ބޭރުކޮށްފިއެވެ. ދުޢާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން އެންމެނަށް ތެދުމަގު ދެއްކެވުމެވެ. މިލިޔުމުގެ ޤަސްދަކީ އަޅުގަނޑުމެންގެ ހާލަތު އަޅުގަނޑުމެންނަށް ތަސައްވަރު ކޮށްލަދިނުމެވެ. و الله المستعان

0 comments:

 
އިތުރު ލިޔުންތައް