Loading...

Wednesday, July 18, 2012

މިއީ ތިބާގެ ރަމަޟާން މަހުގެ ޕުރޮގުރާމް ގައިޑަށް ހަދަމާ

މިއީ ތިބާގެ ރަމަޟާން މަހުގެ ޕުރޮގުރާމް ގައިޑަށް ހަދަމާ
ޝެއިޚު ހަސަން ނާޖީ
މިއީ ރަމަޟާން މަހުގެ ދުވަސްތައް ހޭދަކުރާނެގޮތުގެ ޕޮރޮގުރާމް ގައިޑެކެވެ.
މުސްލިމުންގެ ދުވަސް ރަމަޟާން މަހުގައި ފެށެނީ ފަތިސް ނަމާދަށް ގޮވުމުގެ ކުރީން ހާރުކެއުމާ އެކުގަ އެވެ. މޮޅުއިތުރުގޮތަކީ ހާރުކެއުން ވީހާވެސް ލަސްކޮށްލުމެވެ.
އެއަށް ފަހުގައި މި ތައްޔާރުވަނީ ފަތިސް ނަމާދަށް މިސްކިތަށް ދިއުމަށެވެ. އެހެންކަމުން ގެއިން ވުޟޫކޮށްގެން ބަންގި ގޮވުމުގެ ކުރީން މިސްކިތަށް ދާށެވެ. މިސްކިތަށް އެރުމަށް ފަހުގައި 2 ރަކުޢަތް ނަމާދެއްކުރާށެވެ.
މިއީ ތަޙިއްޔަތުލް މަސްޖިދުގެ ދެ ރަކްޢަތެވެ. މި ނަމާދު ކުރުމަށް ފަހު ދެން ދުޢާކުރުން، ޤުރުއާން ކިޔެވުމުގައި ނުވަތަ ޒިކުރުކުރުމުގައި ވަގުތުކޮޅެއް ހޭދަކޮށްލާށެވެ. ބަންގި ގޮވަންދެނެވެ. ބަންގި ގޮވަން ފެށުމުން މުދިމުގެ އަޑު ދަށުން ބަންގީގެ ކަލިމަތައް ކިޔާށެވެ. ބަންގި ނިމުމުން ބަންގި ދުޢާ ކިޔުމަށް ފަހު ފަތިސް ނަމާދުގެ ސުންނަތް ދެ ރަކުޢަތް ކުރާށެވެ. މިއަށް ފަހުގައި ޤަމަތް ދީފުމަށް ދާންދެން ޤުރުއާން ކިޔަވަން ނުވަތަ ޒިކުރުކުރަން އިނދެވިދާނެއެވެ. ނަމާދުގެ އިންތިޒާރުގައި އިންނައިރު މިގޮތަށް ދުޢާކުރުމުގައި އިންނާށެވެ.
ޖަމާޢަތުގައި ނަމާދުކުރުމަށް ފަހުގައި، ނަމާދަށްފަހު ކިޔުމަށް ވާރިދުވެފައިވާ ޒިކުރުތައް ކިޔަން އިންނާށެވެ. ޒިކުރުތައް ކިޔުމަށް ފަހު މިސްކިތުގައި އިރުއަރާންދެން ޒިކުރު ކުރުމާއި ޤުރުއާން ކިޔެވުމުގައި އިންނަން ބޭނުން ނަމަ އެގޮތް މޮޅުއިތުރުކަން ބޮޑެވެ. އެހެނީ އެއީ ރަސޫލުﷲ  ފަތިސްނަމާދަށް ފަހުގައި ކަންތައް ކުރެއްވިގޮތެވެ.
ދެން އިރުއެރުމުގެ ފަނަރަ މިނެޓު ފަހުން ބޭނުންނަމަ އެގަޑީގައި ޟުޙާ ނަމާދު ކުރެވިދާނެއެވެ. ޟުޙާ ނަމާދުގެ އެންމެ ކުރު މިންވަރަކީ ދެރަކުޢަތެވެ. ނުވަތަ ބޭނުން ނަމަ ޟުޙާ ނަމާދު ކުރުން އެންމެ ރަނގަޅު ވަގުތަށް ލަސްކުރެވިދާނެއެވެ. އެއީ އަވީގެ ހޫނުކަން އިޙްސާސް ވާވަރަށް އިރުއެރުމުންނެވެ. އެއީ އެންމެ މޮޅު އިތުރު ވެގެންވާ ގޮތެވެ.
މިއަށްފަހުގައި މަސައްކަތަށް ދިއުމުގެ ކުރީން ނިދާލަން ބޭނުންނަމަ ނިދާލާށެވެ. ނިދާއިރުގައި ތިމަންނަ މި ނިދަނީ އަޅުކަމަށާއި ރިޒުޤު ހޯދުމަށް މަސައްކަތް ކުރުމަށްޓަކައި ހަށިގަނޑުގައި ބާރުޖެއްސުމަށްކަން ހިތު ނިޔަތް ގަންނާ ށެވެ. އެއީ އެކަމަކީވެސް ﷲގެ އިޒުނަފުޅާއެކު ސަވާބު ލިބެނިވި ކަމެއް ކަމުގައި ވުމަށެވެ. އަދި ނިދުމުގެ ކުރީން ކިޔާ ދުޢާތަކާއި ކުރަންޖެހޭކަންކަން ކުރުމަށް އާދަކުރާށެވެ.
ނިދާހޭލައިގެން ވެސް މިފަދަކަންކަމަށް (ނިދާހޭލައިގެން ކަންކުރަން ސުންނަތުގައި ވާރިދުވެފައި ވާގޮތަށް) ސަމާލުވާށެވެ. ދެން އޮފީހަށް ދާނަމަ އޮފީހަށް ދާށެވެ. އަދި މެންދުރުނަމާދުގެ ވަގުތު ކައިރިވުމުން މިސްކިތަށް ދާށެވެ. ބަންގިގޮވުމުގެ ކުރީން ނުވަތަ ބަންގި ގޮވުމުން ވަގުތުންނެވެ. ނަމާދަށް ދިއުމުގެ ކުރީން ނަމާދަށް ތައްޔާރުވާށެވެ. މިސްކިތަށް ގޮސް މެންދުރުނަމާދުގެ ސުންނަތް ކޮށް (4ރަކުއަތް) އަދި މިނަމާދަށްފަހުގައި ވެސް ޤަމަތް ދީފުމަށްދާންދެން ޒިކުރުކޮށް ޤުރުއާންކިޔަވަން އިންނާށެވެ .
ޤަމަތް ދިނުމުން ޖަމާޢަތުގައި ނަމާދުކޮށް އެއަށް ފަހުގައި މެންދުރުނަމާދުގެ ފަހު ސުންނަތް ކުރާށެވެ. އެއީ ދެރަކުޢަތެވެ.
ނަމާދުކޮށްގެން އަނެއްކާވެސް އޮފީހަށްގޮސް އޮފީހުގައި ކުރަންހުރި މަސައްކަތް ގެއަށް ދާންވާ ގަޑިޖެހެންދެންކުރާށެވެ. މަސައްކަތް ނިމިގެން ގެއަށް އައިސް އަސުރުނަމާދު ޖެހެން ވަގުތުއޮތް ނަމަ މިވަގުތުކޮޅުގައި އަރާމުކޮށްލެވިދާނެއެވެ. ނަމަވެސް އަސުރުގަޑި ޖެހެން ކައިރިވެ އަދި އަރާމުކޮށްލަން އޮށޯވެއްޖެނަމަ ނިދިފައި ނަމާދަށް ދާން ނުހޭލެވުމުގެ ބިރުއޮތް ނަމަ މިވަގުތުކޮޅުގައި ފައިދާހުރި ކޮންމެވެސް އެހެން ކަމެއް ކޮށްލާށެވެ. މިސާލަކަށް އާއިލާއަށް ބޭނުންވާ އެއްޗެއް ގަތުމަށް ބާޒާރަށް ދިއުން ނުވަތަ އޮފީސް ނިމިގެން ސީދާ މިސްކިތަށް ގޮސް އަސުރަށް ގޮވަންދެން ޤުރުއާން ކިޔަވަން އިނދެވިދާނެއެވެ.
އަސުރަށް ފަހުގައި ކުރާނެކަމެއް ތިބާގެ ހާލަތަށް ބަލާފައި ވިސްނާލާށެވެ. މިސްކިތުގައި އިނދެ ޤުރުއާން ކިޔެވޭވަރު ވާނަމަ އެގޮތް ވަރަށް ރަނގަޅެވެ. ނަމަވެސް ތިބާ ވަރުބަލިކަން އިހުސާސްވާނަމަ މިވަގުތުކޮޅުގައި އަރާމުކޮށްލުން އެންމެ ރަނގަޅެވެ. އެއީ ތަރާވީސް ނަމާދަށް ތައްޔާރުވުމުގެ ގޮތުންނެވެ.
މަޣުރިބު ނަމާދަށް ގޮވުމުގެ ކުރީން ރޯދަވީއްލުމަށް ތައްޔާރުވާށެވެ. މިގަޑީގައި ތިބާއަށް ފައިދާކުރަނިވި ކޮންމެވެސް ކަމެއްކޮށްލާށެވެ. އެއީ ޤުރުއާން ކިޔެވުން ނުވަތަ ދުޢާކުރުން ނުވަތަ އަނބިދަރިންނާ އެކު ފައިދާކުރުވަނިވި ވާހަކައެއް ދެއްކުމުގައެވެ. ނުވަތަ އަނބިމީހާއަށް ގޭތެރޭގެ މަސައްކަތުގައި އެހީތެރިވުމުގަ އެވެ.
މިގަޑީގައި ކުރެވިދާނެ އެންމެ ރަނގަޅު އެއްކަމަކީ ރޯދައަށް ތިބޭ މީހުނަށް ރޯދަވީއްލަން ދަޢުވަތު ދިނުމެވެ. އެއީ އެމީހުންނަށް ކާނާ ގެނެސްދީ ނުވަތަ ކާއެއްޗެހި ބަހައި ނުވަތަ އެކަހަލަކަމެއް ކުރުމުގައި އެހީތެރިވުމެވެ. މިކަމަކީ ތިބާގެ ހިތަށް އުފާވެރިކަން ގެނެސްދޭ ކަމެއްކަމުގައި ވާނެއެވެ.
ރޯދަވީއްލުމަށް ފަހުގައި ޖަމާޢަތުގައި ނަމާދުކުރުމަށް އަވަހަށް މިސްކިތަށް ގޮސް ނަމާދަށް ފަހުގައި މަޣުރިބު ނަމާދުގެ ސުންނަތް ދެރަކުޢަތް ކުރާށެވެ. ދެން ގެއަށް އައުމަށް ފަހު ގޭގައި ލިބެން ހުރި އެއްޗެއް ކާށެވެ. ކާއިރުގައި މާ ގިނައިން ނުކާށެވެ. ކައި ނިމިގެން އިޝާނަމާދު ވަގުތު ޖެހެންދެން އޮންނަ ގަޑި އާއިލާއާއެކުގައި ފައިދާކުރުވަނިވި ގޮތެއްގައި ހޭދަ ކުރެވޭތޯ މަސައްކަތް ކުރާށެވެ. އެއީ ކުދީންނަށް އިސްލާމީ ތާރީޚުގެ ވާހަކައެއް ނުވަތަ އިސްލާމީ ޝަޚުސިއްޔަތެއްގެ ވާހަކަ ކިޔައިދިނުން ނުވަތަ ޢިލްމީ ކުއިޒެއް ނުވަތަ ފައިދާކުރުވަނިވި ވާހަކައެއް ދެއްކިދާނެއެވެ. މިނޫނަސް އާއިލާގެ މެންބަރުންނަށް ކަމުދާކަހަލަ، ތިބާއާއި އެމީހުންގެ ވިސްނުން ތަނަވަސްވާ ފަދަ ކަމެއްކުރާށެވެ. ޓީވީ ބެލުމާއި ބޭކާރުގޮތުގައި ވަގުތު ހޭދަ ނުކުރާށެވެ. ޓީވީ އިން ގިނައިން ދައްކާނީ ޢިލްމީ ގޮތުންވެސް ފައިދާ އެއް ނުކުރާ އަޚުލާގީ ގޮތުން ދަށް ފެންވަރުގެ މަންޒަރު ހިމެނޭ ޕުރޮގްރާމްތަކެވެ. ރަނގަޅު ޕުރޮގްރާމްވެސް ދައްކާކަން ފާހަނގަ ކުރަމެވެ. މިހެންކަމުން އެކަހަލަ ކަންކަމާއި ވީހާވެސް ދުރުގައި އުޅޭށެވެ. އަދި އާއިލާގެ އެހެން މެންބަރުންނަށްވެސް މިކަމުގައި އެހީވާށެވެ. ޣީބަ ބުނުމާއި ދެބައޮޑުވުމާއި ސިޔާސީ ވާހަކަ ދެއްކުމާއި ތިމާއަށް އެކަމުން ދުނޔެއާއި އާޚިރަތުގައިވެސް މަންފާއެއް ނުކުރާނެ ކަންކަމުގައި ވަގުތު ނަގާނުލާށެވެ.
ދެން ތައްޔާރުވާނީ އިޝާނަމާދަށް ދިއުމަށެވެ. މިސްކިތަށްގޮސް ޤުރުއާން ކިޔަވަން އިންނާށެވެ. ބަންގި ގޮވުމުން ޖަމާއަތުގައި އިޝާނަމާދު ކުރުމަށް ފަހުގައި އިޝާ ނަމާދުގެ ސުންނަތް ދެރަކުއަތް ކުރާށެވެ. މިއަށް ފަހުގައި މަޑުމައިތިރިކަމާއި ޚުޝޫޢަތްތެރިކަމާއި އެކުގައި އިމާމު ފަހަތުގައި ތަރާވީސްނަމާދު ކުރާށެވެ. އިމާމު ޤުރުއާން ކިޔަވާއިރުގައި އެކިޔަވަމުންދާ އާޔަތްތަކާމެދު ވިސްނާށެވެ. އިމާމު ނަމާދު ނިންމުމުގެ ކުރީންމެނުވީ ނުނިންމާށެވެ. ރަސޫލުﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "من قام مع الإمام حتى ينصرف كتب له قيام ليلة "
މާނަ: އިމާމު މީހާ ނިމެންދެން އޭނާއާ އެކުގައި ބައިވެރިވެއްޖެ މީހަކަށް މުޅިރޭ އަޅުކަން ކުރުމުގެ ޘަވާބު ދެއްވާނެއެވެ."
ތަރާވީސް ނަމާދު ނިމުމުން ތިބާގެ އަމިއްލަ ހާލަތާއި ދިރިއުޅުމާއި ގުޅޭގޮތަށް ކަމެއް ރާވާލެވިދާނެއެވެ. ކަމެއް ރާވާއިރުގައި އަންނަނިވި ކަންކަމަށް ސަމާލުވާށެވެ.
ﷲޙަރާމް ކުރެއްވި ހުރިހާ ކަމަކާ ދުރުހެލިވެ އެފަދަ ކަމަކަށް މަގުފައިވާފަދަ ކަންކަމާއިވެސް ދުރުވުން.
ތިބާގެ އާއިލާގެ މެންބަރުން ޙަރާމް ކަންތަކުން އަދި އެފަދަކަމަކަށް މަގުފަހިވާ ފަދަ ކަންކަމުން ދުރުހެލިކުރުވުމަށް ސަމާލުކަން ދިނުން. މިކަން ކުރާނީ ހިކުމަތްތެރިކަމާއި ކެއްތެރިކަމާ އެކީގައެވެ.
މުހިއްމުކަންކަމުގައި ތިބާ އަބަދުވެސް މަޝްޣޫލުވާށެވެ.
އަވަހަށް ނިދުމަށް މަސައްކަތްކުރާށެވެ. ނިދާއިރު ކިޔާ ޒިކުރުތައް ކިޔައި ނިދުމުގެ ކުރީން ކުރަންވާ ސުންނަތް ކަންކަން ފުރިހަމަކޮށްލާށެވެ. ނިދުމުގެ ކުރީން ޤުރުއާން ކިޔަވައި ނުވަތަ ފައިދާ ކުރުވަނިވި ފޮތެއް ކިޔާލަން އިނދެވިދާނެއެވެ. އެދުވަހެއްގައި ޤުރުއާނުން ކިޔަވަން ކަނޑައަޅާފައިވާ ހިސާބަށް ނުކިޔެވިއޮތް ކަމުގައި ވާނަމަ ނިދުމުގެ ކުރީން އެބައި ފުރިހަމަކޮށްލާށެވެ.
ނިދުމަށް ފަހުގައި ހާރުކެއުމުގެ ތަންކޮޅެއްކުރީން ހޭލައިގެން ތެދުވާށެވެ. ދުޢާކުރުމާއި އަސްތަޣުފާރުކުރުމާއި ޒިކުރު ކުރުމުގައި ވަގުތު ހޭދަކުރާށެވެ. އެއީ ރޭގަނޑުގެ ތިންބައިކުޅަ ދެބައި ވޭތުވުމަށް ފަހު، އެންމެފަހު ބައިގައި ކޮންމެ ރެއަކު ދުނިޔޭގެ އުޑަށް ﷲތަޢާލާ (އެކަލާނގެ ޒާތުފުޅާ އެކަށީގެންވާ ގޮތަށް) ފައިބައި ވޮޑިގަންނަވަ އެވެ. އަދި މިވަގުތުގައި ފާފަ ފުއްސެވުމަށް އެދި ދުޢާކުރާ އަޅުތަކުންނަށް އެއިލާހު ތައުރީފުކުރައްވާފައި ވެއެވެ. އަދި މިވަގުތުގައި އެކަލާނގެ އަށް އެދި ދަންނަވާ މީހަކަށް އެކަލާނގެ އިޖާބަ ދެއްވާނެކަމަށް ވަޢުދުވެ ވޮޑިގެންފައިވެ އެވެ. އަދި މި ގަޑީގައި ތައުބާވާ މީހުންގެ ތައުބާ ގަބޫލު ކުރައްވާނޭކަމަށް ވެސް ވަޢުދުވެވޮޑިގެންފައިވެ އެވެ. އެހެންކަމުން މިފުރުސަތު ނަންގަވައި ނުލައްވާށެވެ.
ހުކުރުދުވަސް:
ހުކުރުދުވަހަކީ ހަފުތާގެ ދުވަސްތަކުގެ ތެރެއިން އެންމެ މާތް ދުވަހެވެ. އެހެންކަމުން މިދުވަހަށް ޚާއްސަ އަޅުކަމުގެ ޕުރޮގުރާމެއް ރާވާލުން ބުއްދިވެރިއެވެ. މީގައި އަންނަނިވި ކަންކަމަށް ސަމާލުވާށެވެ:
ހުކުރު ނަމާދަށް އަވަހަށް ދިއުން.
އަސުރުވަގުތަށް ފަހުގައި މިސްކިތުގައި މަޑުކުރުން، އަދި ޤުރުއާން ކިޔެވުމާއި ދުޢާ ކުރުމުގައި އެދުވަހުގެ އެންމެ ފަހުވަގުތު ޖެހިއްޖައުމަށް ދާންދެން މަޝްޣޫލުވާށެވެ. އެއީ ދުޢާ އިޖާބަކުރައްވާ ވަގުތެކެވެ.
ހަފުތާގެ ދުވަސްތަކުގައި ފުރިހަމަ ނުކުރެވި ހުރި ކަންކަން ފުރިހަމަކޮށްލުމަށް މިދުވަސް ހަމަޖައްސާށެވެ. މިސާލަކަށް ޤުރުއާން ކިޔަވަން ކަނޑައަޅާފައިވާ މިންވަރަށް ކިޔަވައި ނިންމާލުން ނުވަތަ ފައިދާކުރަނިވި ފޮތެއް ކިޔައި ނިންމާލުން ނުވަތަ ދީނީ ތަޤުރީރެއް އަޑުއަހައިލުން ފަދަ ކަމެކެވެ.


ފަހު ދިހައެއް:
ރަމަޟާން މަހުގެ ފަހު ދިހަ ދުވަހުގެ ރޭތަކުގެ ތެރޭގައި ލައިލަތުލް ޤަދްރި ވިލޭރޭ ވެއެވެ. އެރެއަކީ އެއްހާސް މައްސަރަށް ވުރެ ހެޔޮކަން ބޮޑު ރެއެކެވެ. މިހެންކަމުން މިސްކިތުގައި އިޢުތިކާފުގައި އިނުމަށް މިދުވަސްތަކުގައި ޝަރުޢުވެގެން ވެއެވެ. މިއީ ރަސޫލުﷲ ލައިލަތުލް ގަދރް ހޯއްދެވުމަށް ކަންކުރެއްވިގޮތެވެ. އެހެންކަމުން އިއުތިކާފުގައި އިނުމަށް ކުޅަދާނަވެއްޖެ މީހަކަށް އެލިބެނީ ވަރަށްވެސް ބޮޑު ނިޢުމަތެކެވެ.
ފަހުދިހައެއް އެކުގައި އިއުތިކާފުގައި ނީނދެވޭ މީ ހެއްކަމުގައި ވާނަމަ އެމީހަކަށް ވީވަރަކުން އިޢުތިކާފުގައި އިނުމަށް މަސައްކަތްކުރާށެވެ.
އެއްވެސްވަރަކަށް އިޢުތިކާފުގައި ނީނދެވޭނެ ކަމުގައި ވާނަމަ ރޭއަޅުކަން ކުރުމުގައި ވަގުތުހޭދަކުރުމަށް މަސައްކަތް ކުރާށެވެ. ދަމުނަމާދުކޮށް ޤުރުއާން ކިޔަވައި ޒިކުރުކޮށް ދުޢާކުރުމުގައެވެ. މިކަމަށް ތައްޔާރުވުމަށް ޓަކައި ދުވާލުގަޑީގައި އަރާމުކުރުން މުހިއްމެވެ. އޭރުން ރޭގަނޑު އަޅުކަމުގައި ހޭދަކުރުމަށް ފަސޭހަވާނެއެވެ. މީގެ މާނައަކީ ދުވާލު ހަތަރުދަމު ނިދުމެއް ނޫނެވެ. އެހެނަސް އަރާމުކުރުމަށް ވަގުތެއް ކަނޑައަޅާ އެވަގުތަކުގައި އަރާމުކުރެވޭތޯ ބަލާށެވެ.
ނޯޓު:
މިއީ ރޯދަމަހު ކަންކުރެވިދާނެ ގޮތުގެ ކުޑަ ތަސައްވުރެކެވެ. މިގައި ހިމެނިފައިވާ ކަންކަން ކޮންމެ މީހަކުވެސް އެމީހެއްގެ ދިރިއުޅުމާއި ހާލަތަށް ވިސްނައިގެން ރާވައިލުން ރަނގަޅެވެ.
މިދެންނެވުނު ޕްރޮގުރާމުގައި ސުންނަތުން ސާބިތުވާ ކަންތައްތައް ކުރުމަށް ބާރުއަޅާފައިވާނެއެވެ. މީގެ މާނައަކީ އެއްވެސް ހާލެއްގައި މިހުރިހާ ކަމަކީ ކުރުން ވާޖިބު ކަންތަކެކޭ ނޫނެވެ. ނަމަވެސް މީގައި ހިމަނާފައިވާ ވަރަށް ގިނަ ކަންކަމަކީ ސުންނަތް އަދި މުސްތަޙައްބު ކަންކަމެވެ.

ދަންނާށެވެ. ﷲގެ ޙަޟުރަތުގައި އެންމެ ލޯބިވެތިކަން ބޮޑުވެގެންވާ ޢަމަލަކީ ދާއިމީކޮށް މީހާ ކުރާކަންކަމެވެ. އެއީ ކިތަންމެ ކުޑަކަމެއް ނަމަވެސް ވެހެވެ. ރޯދަމަސް ފެށިގެން އަންނައިރު މީހުން އަޅުކަންތަކަށް ސަމާލުކަންދީ ބަރާބަރަށް ހުރިހާކަމެއް ކުރެއެވެ. ނަމަވެސް ބައެއް މީހުނަށް ވާގޮތަކީ ވަކި ހިސާބަކުން ގޮސް މިގޮތަށް ޢަމަލުކުރުން ހުއްޓާލެވެނީއެވެ. މިފަދައިން ތިބާ ނުވުމަށް ނަސޭހަތްތެރި ވަމެވެ. ރޯދަމަސް ފެށިގެން އަންނައިރު އަޅުކަންތަކަށް ހުންނަ ޝައުޤުވެރިކަމާއި ލޯބި، ރޯދަމަސް ނިމެން އަންނައިރު އެއަށްވުރެ ބޮޑުވޭތޯ މަސައްކަތްކުރާށެވެ.
އަޅުގަނޑުމެންގެ ވަގުތުތައް މި ބަރަކާތްތެރި މަހުގައި ރާވައިލަންވާނީ އަޅުކަންތަކުގެ ސަބަބުން ތިމާ މަޝްޣޫލުވާނޭ ގޮތަކަށެވެ. މި ބަރަކާތްތެރި މަހުގެ އެންމެ ވަގުތުކޮޅެއްވެސް ބޭކާރު ގޮތުގައި ހޭދަވެގެން ނުދާނޭ ފަދަ ގޮތަކަށް ވަގުތު ރާވާށެވެ. ގެއަށް ބޭނުންވާ ކާނާ އިސްރާފުނުވާނޭ ވަރަށް ރޯދަމަސް ފެށުމުގެ ކުރީން ގަނެފައި ބަހައްޓާށެވެ. އަދި ދުވަހުން ދުވަހަށް ބޭނުންވާ ތަކެތި ގަތުމަށްވެސް ފިހާރައިގައި މީހުން ގިނަނުވާނޭ ވަގުތެއްގައި ގޮސް ގަނެފައި ބަހައްޓާށެވެ. އަދި ރައްޓެހިންނާއި އާއިލާގެ މީހުނަށް ޒިޔާރަތްކުރުމުގައި ތިމާގެއާއި އެމީހުންގެ އަޅުކަމުގެ ވަގުތަށް ބުރޫ ނާރާނޭ ފަދަ ގޮތަކަށް ރާވާށެވެ.
ރޯދަމަސް ފެށުމުގެ ކުރީން މިސްކިތަށް ނަމާދުވަގުތު ޖެހުމުގެ ކުރީން ދިއުމަށް އަޒުމް ކަނޑައަޅާށެވެ. އަދި ޤުރުއާން އެކުގައި ޚަތިމްކުރުމަށާއި ކޮންމެ ރެއަކުވެސް ދަމުނަމާދުކޮށް ރޭއަޅުކަން ކުރުމަށާއި ގިނައިން ސަދަގާތްކުރުމަށްވެސް އަޒުމް ކަނޑައަޅާށެވެ.
ޤުރުއާންކިޔަވާއިރުގައި ރަނގަޅަށް ކިޔަވާށެވެ. ކިޔަވަން އިނގޭ މީހަކަށް އަޑުއިވޭ ހިސާބުގައި އިނދެ ކިޔަވާށެވެ. އޭރުން ނުބައިކޮށް ކިޔެވޭނަމަ (މަޚްރަޖުތަކާ ޚިލާފަށް ކިޔެވޭނަމަ) އެމީހަކު ރަނގަޅުކޮށްދޭނެއެވެ. މިފަދަ މީހަކު ނެތްނަމަ ކޮމްޕިއުޓަރުން ނުވަތަ ސީޑީ ޕުލޭޔަރަކުން ނަމަވެސް އަޑުއަހައިގެން ރީތިކޮށް ކިޔަވަން މަސައްކަތް ކުރާށެވެ.
ޤުރުއާނުން އެއްވެސް ވަރަކަށް ހިތުދަސް ކޮށްފައިވާނަމަ އެބައިތައް މުރާޖަޢާ ކޮށް އިތުރަށް ދަސްކުރާށެވެ. އަދި ދަސްކޮށްފައި ނެތްނަމަ ދަސްކުރުމަށް މަސައްކަތް ކުރާށެވެ.
ޤުރުއާނުގެ ތަފްސީރު ފޮތެއް ލިބޭނަމަ ތަފްސީރުވެސް ކިޔާށެވެ.
ޤުރުއާނުގެ އާޔަތްތަކުގައި އައިސްފައިވާ އަމުރުތައް ތިބާގެ ހަޔާތުގައި ތަންފީޒުކުރުމަށް މަސައްކަތް ކުރާށެވެ. ޤުރްއާނަކީ އެ ފޮތްކިޔަވައި އެފޮތުގައިވާ އަމުރުތަކަށް ތަބާވެ ނަހީކުރައްވާފައިވާ ކަންތަކުން ދުރުހެލިވުމަށާއި ދެ ދުނިޔޭގެ ބާއްޖެވެރިކަމަށް މަގު ދައްކައިދޭ ހިދާޔަތުގެ ދަންމަރެކެވެ. މަތިވެރި ﷲގެ ކަލާމްފުޅެވެ.
ﷲ އަޅުގަނޑުމެންނަށް މިބަރަކާތްތެރި މަހުގެ ނިޢުމަތް ފުރިހަމަގޮތުގައި ލިބުމުގެ ތައުފީޤު ދެއްވާށި. މިމާތް މައްސަރުގައި ރޯދަހިފާ ރޭއަޅުކަން ކުރުމުގެ ހެޔޮ ތައުފީޤު ދެއްވާށި. އަދި އަޅަމެންގެ ކިބައިން މިއަޅުކަންތައް ޤަބޫލުކުރައްވާ އަޅަމެންގެ ފާފަތައް ފުއްސަވާށި. އަދި މި މައްސަރާ ބައްދަލުވެ މިމަހުގައި އެބަޔަކަށް ފާފަ ނުފުއްސެވޭ އަދި ރަޙްމަތާއި ބަރަކާތުން މަޙްރޫމް ވެގެންވާ މީހުންގެތެރެއިން އަޅަމެން ނުލައްވާނދޭވެ! އާމީން.

0 comments:

 
އިތުރު ލިޔުންތައް