ސަލަފުންގެބޭކަލުންގެ އިޚުލާސްތެރިކަން ހާމަކޮށްދޭ ތިންވާހަކަ

ސަލަފުންގެބޭކަލުންގެ އިޚުލާސްތެރިކަން ހާމަކޮށްދޭ ތިންވާހަކަ
ޢަބްދުއްރަޙީމް
ޢަބްދުއްރަޙުމާން ބިން އަބީ ލައިލާ ރަޙިމަހުﷲގެ ދަމުނަމާދު

ޢަބްދުއްރަޙުމާން ބިން އަބީ ލަޢިލާ ރަޙިމަހުﷲ(ތާބިޢީ ބޭކަލެއް) ރޭގަނޑު ދަމު ނަމާދު ކުރައްވަން ހުންނަވާފައި މީހަކު ގެޔަށް ވަންނަ ނަމަ ނަމާދު މެދު ކަނޑުއްވާ ލައްވާފައި އެނދުގައި އޮށޯވެ ނިދާކަމަށް ހައްދަވައެވެ. އެމީހަކު ވަދެ ބުނާނެއެވެ. މިއީ ނިންޖަކުން ހޭލައްވާ ބޭފުޅެއްވެސް ނޫންތާއެވެ. ގިނަ ވަޤުތު ތަންމަތީގައި ނިދިކުރައްވަނީއެވެ. ނަމަވެސް އެބައިމީހުންނަކަށް އެކަލޭގެފާނު ނަމާދުކުރައްވާ ކަމާއި އަދި އެބައިމީހުންނަށް އެކަން ފޮރުވަނީކަމެއް ނޭނގެއެވެ..
އެކަލޭގެފާނަކީ ކޮންބޭކަލެއް؟

އެކަލޭގެފާނަކީ ޢައްލާމާ އަލްޙާފިޡު އަލްފަޤީހު އަބުލް ޢީސާ ޢަބްދިއްރަޙުމާނު ބިން އަބީ ލައިލާ އަލްއަންސާރީއެވެ. ތާބިއީ ބޭކަލެކެވެ. އެކަލޭގެފާނު އުފަންވެ ވަޑައިގަތީ އަބޫބަކުރު ރަޟިޔަﷲ ޢަންހުގެ ޚިލާފަތުގައެވެ. ނުވަތަ އޭގެ ކުރިންނެވެ. އަދި އުމަރު ރަޟިޔަﷲ ޢަންުގެ ޚިލާފަތުގެ މެދެތެރޭގައި ކަމަށްވެސް ބުނެވެއެވެ. ޞަޙާބީ ބޭކަލުންގެ ތެރެއިން ޢުމަރު ޢަލީ އިބުނު މަސްޢޫދު ބިލާލު ރަޟިޔަﷲ ޢަންހުމް ފަަދަ އެތައް ޞަހާބީ ބޭކަލުންނެއްގެ ކިބައިން ޙަދީޘް ރިވާކުރެއްވިއެވެ . އެކަލޭގެފާނު ޤުރުއާން ކިޔަވާ ވިދާޅުވީ ޢަލީ ރަޟިޔަﷲ ޢަންހުގެ ކިބައިންނެވެ. އެކަލޭގެފާނަކީ ވަރަށް ގިނަ ޙަދީޘްރިވާކުރައްވާފައިވާ ބޭކަލެކެވެ. އެކަލޭގެފާނު އަވަހާރަކޮށްލެވުނީ ހިޖުރީ ސަނަތުން 82 ނުވަތަ 83 ވަނަ އަހަރުގައެވެ.

ދެވަނަ: އަލްއިމާމު މާވަރަދީ ރަޙިމަހުﷲ ފޮތްލިޔުއްވުމުގައި ގެންގުޅުއްވި އިޚުލާސްތެރިކަން

އެކަލޭގެފާނު ފޮތްތައް ލިޔުއްވުމުގައި ވަރަށް ބޮޑަށް އިޚުލާސްތެރިވެ ވަޑައިގެން ބޭކަލެކެވެ. އެކަލޭގެފާނުގެ ހަޔާތްޕުޅުގައި ސިއްރިއްޔާތުގައި ތަފްސީރާއި އަދި ފިޤުހުގައި ފޮތްތައް ލިޔުއްވިއެވެ. އެކަލޭގެފާނުގެ ހަޔާތްޕުޅުގައި މިފޮތްތައް ހާމަނުކުރައްވައެވެ. އެކަލޭގެފާނުގެ މަރަށް ހާޒިރުވުމުން އެކަލޭގެފާނަށް އިތުބާރުކުރެއްވޭ ބޭކަލެއްގާތުގައި ދެންނެވިއެވެ. އަހަރެންގެ މިޔަނިދަރިޔެއްގެ މިވަނިތަނެއްގައި ހުންނާނީ ހުސް އަހަރެންގެ ފޮތްތަކެވެ. އަހަރެން މަރުވެ ފުރާނަ އަހަރެންގެ ހަށިގަނޑާ ވަކިމުން ތިބާގެ އަތް އަހަރެންގެ އަތަށް ލާހުށިކަމެވެ. އަހަރެންގެ އަތުގެ މުށްބާރުވެ ބަންދުވެފައިވާނަމަ އަހަރެންގެ ފޮތްތަށް އަހަރެންގެ ކިބައިން ޤަބޫލުވެވިގެން ނުވެއެވެ. ދަޖްލާކޯރަށް އަހަރެންގެ ފޮތްތަށް އުކާލަދޭށެވެ. އަދި އަހަރެންގެ އަތްތިލަ ހުޅުވި ތަނަވަސްވެގެން ވާކަމުގައި ވާނަމަ ފަހެ އެފޮތްތައް އަހަރެންގެ ކިބައިން ޤަބޫލުވެވިއްޖެއެވެ. ފަހެ ނިޔަތް ޚާލިޞްކުރުމުގެ ނަޞީބު ލިބުނުކަމުގައި އަހަރެން އުއްމީދުކުރަމެވެ. ފަހެ އެކަލޭގެފާނުގެ ފުރާނަފުޅު ދިޔައިރު އެކަލޭގެނުގެ އަތްޕުޅުއޮތީ ހުޅުވި ތަނަވަސްވެގެންނެވެ. އަދި އޭގެފަހުން އެކަލޭގެފާނުގެ ފޮތްތައް ފާޅުވެ ފެތުރިއްޖެއެވެ.

އެކަލޭގެފާނަކީ ކޮންބޭކަލެއް؟

އެކަލޭގެފާނު ނަންފުޅަކީ އިމާމު އަބުލް ޙަސަން ބިން ޢަލީ ބިން ޙަބީބް އަލްބަޞަރީ އަލްމާވަރަދީއެވެ. އެކަލޭގެފާނު އުފަންވެ ވަޑައިގަތީ ހިޖުރީ ސަނަތުން 364 ވަނަ އަހަރު ބަޞަރާގައެވެ. އެޔަށްފަހު އެކަލޭގެފާނުގެ ބައްޕާފުޅު ބަޣުދާދަށް ހިޖުރަކުރެއްވިއެވެ. އެކަލޭގެފާނުގެ ނަމުގެ ލަޤަބަކަށް އަލްމާވަރަދީ ނިސްބަތްކުރެވެނީ އެކަލޭގެފާނުގެ ބައްޕާފުޅު ފިނިފެންމާ ވިއްކާ ބޭފުޅަކަށް ވާތީ އެކަމަށް ނިސްބަތްކޮށެވެ. ވަރަށްގިނަ ފޮތްތައް އެކަލޭގެފާނު ލިޔުއްވާފައިވެއެވެ. އެކަލޭގެފާނުގެ ފިޤުހުފޮތަކީ ޝާފިޢީ މަޒްހަބުގެ އެންމެބޮޑެތި މަރުޖިޢުތަކުގެ ތެރެއިން އެއްމަރުޖިޢެވެ. އެކަލޭގެފާނަކީ ޢައްބާސީ ދަޢުލަތުގައި ޤާޟީކަންކުރެއްވި އެންމެ ބޮޑު އެއްޤާޟީއެވެ. އެކަލޭގެފާނު އަވަހާރަވީ ހިޖުރީ ސަނަތުން 450 ވަނަ އަހަރުއެވެ. އެކަލޭގެފާނުގެ މައްޗަށް އިމާމުވެ ކަށުނަމާދުކުރެއްވި އިމާމު ޚަތީބް އަލްބަޣުދާދީއެވެ.

ތިންވަނަ: އިބުނު އުޔައިނާ ރަޙިމަހުﷲގެ ކީރިތި ކުރެއްވުން

އިބުނު ޢުޔައިނާ ރަޙިމަހުﷲ އެކަލޭގެފާނު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘެއް ރިވާކުރައްވާނަމަ އެކަލޭގެފާނަށް ކުރާ އަސަރުގެ ބޮޑުކަމުން ލޮލުން ފެން އައިސް ކީރިތި ކުރެއްވެއެވެ. އަދި އެކަލޭގެފާނުގެ ބޮލުގައި އޮންނަ ފޮށާކޮޅު ލޮލުގެ މަތީގައި އަޅުއްވަމުން ވިދާޅުވެއެވެ. ފަހެ ރޯގާކަންތައް ބޮޑުވެއްޖެއެވެ. ރޯގާކަންތައް ބޮޑުވެއްޖެއެވެ. (ރޯކަން ފޮރުއްވުމަށްޓަކައެވެ)

އެކަލޭގެފާނަކީ ކޮންބޭކަލެއް؟

އެކަލޭގެފާނުގެ ނަންފުޅަކީ ސުފްޔާން ބިން ޢުޔައިނާއެވެ. އުފަންވެ ވަޑައިގަތީ ހިޖުރީ ސަނަތުން 107 ވަނަ އަހަރު ކޫފާގައެވެ. އެކަލޭގެފާނާއި ބެހޭގޮތުން އިމާމު ޝާފިޢީ ވިދާޅުވެފައިވެއެވެ. މާލިކާއި އިބުނު އުޔައިނާ ނުވާނަމަ ހިޖާޒުން އިލްމު ހިނގައްޖަހީއެވެ.

އެކަލޭގެފާނުގެ އަރިހުން ޙަދީޘްދިވާކުރެއްވި ބޭކަލުންތެރޭގައި އިމާމު ޝާފިޢީ އަދި އިމާމް އަހުމަދު ބިން ޙަންބަލް އަދި އަބްދުއްރައްޒާޤު ހިމެނިވަޑައިގަނެއެވެ.

އެކަލޭގެފާނު އަވަހާރަވީ ހިޖުރީ ސަނަތުން 198 ވަނަ އަހަރުއެވެ.

ނިމުނީ

ސީރަތުގެ ރެފަރެންސު: އިސްލާމްވެބް އަދި އެނޫންވެސް އިތުރު އެހީތައް

Post a Comment

0 Comments