Loading...

Saturday, July 7, 2012

ޤިޔާމަތްވުމުގެ ކުދި ޢަލާމާތްތަކާއި ބޮޑެތި ޢަލާމާތްތައް

ްަ

ޤިޔާމަތްވުމުގެ ކުދި ޢަލާމާތްތަކާއި ބޮޑެތި ޢަލާމާތްތައް
އަލް އަޚް އަޙްމަދު ރިމާޒް
ހަމަކަށަވަރުން ﷲ ތަޢާލާ، މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރިސާލަތާއިގެން މި އުންމަތަށް ފޮނުއްވާފައިވަނީ އުންމަތަށް އުފާވެރިކަމުގެ ޚަބަރު ދެއްވަވާ ބޭކަލެއްގެ ގޮތުގަޔާއި ގަދަފަދަ ޢަޛާބުން އުންމަތަށް އިންޒާރުކުރައްވަވާ ބޭކަލެއްގެ ގޮތުގައެވެ. ފަހެ އެކަލޭގެފާނުވަނީ ހަވާލުކުރެވުނު ރިސާލަތު އެންމެ ފުރިހަމަގޮތުގައި ބަޔާންކޮށްދެއްވާފައެވެ. އަދި އެކަލޭގެފާނުގެ ކޮނޑުފުޅުގައި އެޅުނު އަމާނާތް އެންމެ ފުރިހަމަގޮތުގައި އަދާކުރައްވާފައެވެ. ހުރިހާ ހެޔޮކަމެއްގެ މަގު އުންމަތަށް ދައްކަވައި، އަދި އެންމެހާ މުންކަރާތްތަކުން އުންމަތަށް އިންޒާރުދެއްވާފައެވެ.
މި އުންމަތަކީ އެންމެފަހުގެ އުންމަތަށްވީހިނދު، އަދި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަކީ ނަބީކަމާއި ރަސޫލުކަން ޚަތިމުކުރެއްވި ކަލޭގެފާނަށްވީހިނދު، ﷲ ތަޢާލާވަނީ ޤިޔާމަތުގެ ޢަލާމާތްތައް މިއުންމަތުގެ ޒަމާނުގައި ފާޅުކުރެއްވުމަށް ޚާއްޞަ ކުރައްވަވާފައެވެ. އެކަލޭގެފާނަށްފަހު ޤިޔާމަތުގެ ޢަލާމާތްތައް ބަޔާންކޮށްދެއްވާނެ ނަބިއްޔަކުވެސް އަދި ރަސޫލަކުވެސް ނުވާނެކަމުން، އެކަމުގެ މަސްއޫލިއްޔަތު ﷲ ތަޢާލާވަނީ އެއިލާހުގެ ރަސޫލާގެ ކޮނޑުފުޅުގައި އަޅުއްވަވާފައެވެ. ދެންފަހެ އެކަލޭގެފާނުވަނީ އެންމެ ފުރިހަމަ ގޮތުގައި އެމަސްއޫލިއްޔަތު އަދާކުރައްވަވާ އުންމަތައް އެކަންތައްތައް ބަޔާންކޮށްދެއްވަވާފައެވެ.

ޤިޔާމަތްދުވަހަށް އީމާންވުމަކީ އީމާންކަމުގެ ރުކުންތަކުގެ ތެރެއިން ހިމެނޭ މުހިންމު ރުކުނެކެވެ. އެދުވަހުން އިންސާނާ މިދުނިމަތީގައި ކޮށްފައިވާ ޢަމަލުތަކުގެ ހިސާބު އެންމެ ޢަދުލުވެރިގޮތުގައި ބެލި، ހެޔޮލަފާ ޞާލިހުއަޅުންނަށް ސުވަރުގޭގެ ދާއިމީ ނިޢްމަތް އަދި ނުކިޔަމަންތެރި އަޅުންނަށް ނަރަކައިގެ ވޭންދެނިވި ޢަޛާބުދެވޭނެއެވެ. ޤިޔާމަތްވާނެ ވަގުތަކީ ކޮބައިކަން ހިމެނެނީ ﷲ ތަޢާލާއަށް ޚާއްޞަ ޢިލްމުލްޣައިބުގެ ތެރޭގައެވެ. ނަމަވެސް އެއިލާހުގެ ރަޙްމަތްވަންތަކަމުން ޤިޔާމަތުގެ ވަގުތު ގާތްވެއްޖެކަން އަންގައިދީ އިންޒާރުދޭނެ ޢަލާމާތްތަކެއް އެއިލާހުވަނީ ލައްވަވާފައެވެ. އެޢަލާމާތްތަކަކީ ދުނިޔޭގެ ހެއްލުންތެރިކަމާއި ޒީނަތްތެރިކަމުގެ މަޅީގައިޖެހި އިންސާނާ އާޚިރަތްދުވަސްމަތިން ހަނދާންނެތިފައި ވަނިކޮށް އިންސާނާ ޣާފިލުކަމުގެ ނިދިން ހޭލައްވައި، ތިމާ އަދިދާންޖެހޭ މަންޒިލެއްވާކަމާއި، އެވަގުތު އެބަޖެހޭކަމާއި، އެދުވަހަކަށްޓަކައި މަސައްކަތްކުރަން އެބަޖެހޭކަން ހަނދުމަކޮށްދޭނެފަދަ ޢަލާމާތްތަކެކެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ދޫފުޅުން ޤިޔާމަތުގެ ޢަލާމާތެއްކަން ބަޔާންކުރައްވާފައިވާ ކަމެއް ހިނގައި ދިއުމުން އިންސާނާގެ ހިތުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ބަސްފުޅުގެ ތެދުކަމާއި، ޤިޔާމަތްދުވަހާއިމެދު އޮތް ޔަޤީންކަން އިތުރުވެ ވަގުތުފާއިތުވުމުގެ ކުރިން އެދުވަހަށް ތައްޔާރުވާނެއެވެ. އެހެންނޫނީ އިންސާނާ އެދުވަހުން ވާހުށީ މިފަދައިންބުނާމީހުންގެ ތެރެއިންނެވެ. ((أَنْ تَقُولَ نَفْسٌ يَا حَسْرَتَا عَلَى مَا فَرَّطْتُ فِي جَنْبِ اللَّهِ وَإِنْ كُنْتُ لَمِنَ السَّاخِرِينَ)) الزمر: 56 މާނައީ: “ﷲ ތަޢާލާގެ ޙަޟްރަތަށް (އަދާކުރަންޖެހޭ ވާޖިބުތަކުގައި) މިއަޅާ ފަރުވާކުޑަކުރިކަމަށްޓަކައި މިއަޅާއަށްހުރި ހިތާމައިގެ ބޮޑުކަމާއޭ ތިޔަބައިމީހުންކުރެ މީހަކަށް ބުނަންޖެހިދާނެތީއެވެ. އަދި ހަމަކަށަވަރުން މިއަޅާވީ ފުރައްސާރަކުރާމީހުންގެ ތެރެއިންނެވެ.”

މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޚަބަރުދެއްވާފައިވާ ޤިޔާމަތުގެ ކުދި ޢަލާމާތްތަކުގެ ތެރެއިން ވަރަށް ގިނަކަންތައްތައް ވަނީ ފެނިގެންގޮސްފައެވެ. އެކަލޭގެފާނު ޚަބަރުދެއްވާފައިވާ ޤިޔާމަތުގެ ޢަލާމާތްތައް ޢިލްމުވެރިން ދެބަޔަކަށް ބައްސަވައެވެ. އެއީ ކުދި ޢަލާމާތްތަކާއި ބޮޑެތި ޢަލާމާތްތަކެވެ. އަދި ބައެއް ޢިލްމުވެރިން ތިން ބަޔަކަށްވެސް ބައްސަވައެވެ. އެއީ ފެނިފައިވާ ޢަލާމާތްތަކާއި، އަދި ފެނި ތަކުރާރުވަމުންދާ ޢަލާމާތްތަކާއި، އަދި މިހައިތަނަށްފެނިފައިނުވާ ޢަލާމާތްތަކެވެ.

ޤިޔާމަތުގެ ކުދި ޢަލާމާތްތަކުގެ ގޮތުގައި ޢިލްމުވެރިން ފޮތްތަކުގައި ބައިވަރު ޢަލާމާތްތައް ބަޔާންކުރައްވާފައިވެއެވެ. ނަމަވެސް މިތަނުގައި އަޅުގަނޑު ހުށަހަޅާލަދޭން ޤަޞްދުކުރަނީ އޭގެ ތެރެއިން ޞައްޙަ މަގުންވާރިދުވެފައިވާ ޢަލާމާތްތަކެވެ.

1. މުޙައްމަދުގެފާނު صلى الله عليه وسلم ނަބީކަމާއިގެން ފޮނުއްވުން.

2. މާތް ނަބިއްޔާ މުޙައްމަދުގެފާނު صلى الله عليه وسلم ދުނިޔެދޫކުރެއްވުން.

3. ބައިތުލް މަޤްދިސް ފަތަޙަކުރުން.

4. ޢަމްވާސްގެ ޠާޢޫންގެ ވަބާ ފާޅުވުން. (ޢަމްވާސް އަކީ ފަލަސްތީނުގެ ރަށެކެވެ.)

5. މުދަލާއި ފައިސާ އިތުރުވެގެންގޮސް ޞަދަޤާތް ޤަބޫލުކުރާނެ މީހަކުނުވުން.

6. ފިތުނަ ފަސާދަ ފެތުރި ޢާއްމުވުން.

7. ނަބީކަމަށް ދަޢުވާކުރާމީހުން ފާޅުވުން.

8. ބިންމަތީގައި އަމަންއަމާންކަން ފެތުރުން.

9. ޙިޖާޒުކަރައިން އަލިފާންގަނޑެއް ފައުޅުވުން.

10. ތުރުކީންނާ ހަނގުރާމަކުރުން.

11. ޢަޖަމީންނާ ހަނގުރާމަކުރުން. (ޢަޖަމީންނަކީ ޢަރަބި ނަސްލުނޫންމީހުންނެވެ.)

12. އަމާނާތްތެރިކަން ނެތިދިއުން.

13. ޢިލްމު އުފުއްލެވުމާއި ޖާހިލުކަން ޢާންމުވުން.

14. ފަހުޒަމާނަށް އައިސް ﷲ ތަޢާލާގެ ކޯފާވެވޮޑިގެންވާ ޗާބޫކުތަކެއް އެބައިމީހުންގެ އަތުގައިވާ ބައެއް ފާޅުވުން.

15. ޒިނޭ ޢާންމުވުން.

16. ރިބާ ޢާންމުވުން.

17. މިއުޒިކުސާމާނު ފާޅުވެ، ޢާންމުވުން.

18. ރާބުއިން ޢާންމުވުން.

19. މިސްކިތްތައް ޒީނަތްތެރިކުރުމުގައި އެއްބަޔަކު އަނެއްބަޔަކަށް ވާދަކޮށް ފަޚުރުވެރިވުން.

20. އުސް ޢިމާރާތްތައް ބިނާކުރުމުގައި އެއްބަޔަކު އަނެއްބަޔަކަށް ވާދަކުރުން.

21. އަޅު އަންހެނާ އޭނާގެ ސާހިބުމީހާ ވިހެއުން.

22. ޤަތުލުޢާއްމު ގިނަވުން.

23. ޒަމާން ގާތްވުން.

24. ބާޒާރުތައް ގާތްވުން.

25. އިސްލާމީ އުންމަތުގެ ބަޔަކު މުޝްރިކުންނާގުޅި ބުދަށް އަޅުކަންކުރުން.

26. ފާޙިޝްކަންތައް ޢާންމުވުމާއި، ރަޙިމުގެ ގުޅުންކެނޑުމާއި، އަވައްޓެރިންނަށް ގޯނާކުރުން.

27. ނުރަ ކަޅުކުރުން.

28. ދަހިވެތިކަން ފާޅުވުން.

29. ވިޔަފާރި ޢާންމުވެ ފެތުރުން.

30. ބިންހެލުންތައް ގިނަވުން.

31. ބިންގަނޑު ގަންބަވައިގަތުމާއި، ބައެއްގެ ޞޫރަ ޖަނަވާރުންގެ ޞޫރައަށް ބަދަލުކުރެއްވުމާއި، އުޑުން ހިލައިގެވާރޭ (ޢަޛާބުގެ ގޮތުގައި) ވެއްސެވުން.

32. ޞާލިހު އަޅުތަކުން މަރުވެދިއުން.

33. ޖާހިލުންނާއި ކަމުގެ އަހުލުވެރިނޫންމީހުންނާ މަސްޢޫލިއްޔަތުހަވާލުކުރުން.

34. ސަލާމް އެއީ ހަމައެކަނި ދެކެފަރިތަ މީހުންނަށް ކުރާ އެއްޗަކަށްވުން.

35. ބިދުޢަވެރިންނާއި ރައްޔުގެ އަހުލުވެރިންގެ އަރިހުން ޢިލްމު ޙާޞިލުކުރުން.

36. ޢައްރަނިވާނުކޮށް އޮރިޔާމުން ތިބޭ އަންހެނުންތައް ފާޅުވުން.

37. މުއުމިނު އަޅުތަކުންނަށް ފެންނަ ހުވަފެންތައް ތެދުވުން.

38. ޢިލްމާއި ޢިލްމުގެ ވަޞީލަތްތައް ފެތުރި ޢާންމުވުން.

39. މިސްކިތްތަކަކީ ހުރަސްކުރާ މަގުތަކެއްކަމުގައި ހެދުން.

40. ހަނދު ބޮޑުވުން. (ފުރަތަމަ ރޭގެ ހަނދު އެއީ ދެވަނަ ރޭގެ ހަނދުހެން ހީވުން).

41. ދޮގު ހެދުމާއި ދޮގުވާހަކަތައް ފެތުރުން ޢާންމުވުން.

42. ދޮގުހެކިދިނުމާއި، ޙައްޤު ހެކިބަސް ވަންހަނާކުރުން.

43. އަންހެނުން ގިނަވެ ފިރިހެނުން މަދުވުން.

44. ކުއްލިމަރު ގިނަވުން.

45. އެކަކު އަނެކަކަށް ދެކެފަރިތަކަން ނެތުން.

46. ޢަރަބީންގެބިމުގައި ފެނުގެ ކޯރުތައް އުފެދި، ބިންތަކަށް ފެހިކަން އައިސް ދިރިގެންދިއުން.

47. ވާރޭ ވެހުން އިތުރުވެ، ނަމަވެސް ބިމަށް އޭގެސަބަބުން ދިރުމެއް ނައުން.

48. ފުރާތުކޯރުން ރަނުގެ ފަރުބަދައެއް ފާޅުވުން.

49. ޙައިވާނާއި، އެނޫންވެސް ހިލަގަނޑުފަދަ ތަކެތި އިންސާނުންނާ މުޚާޠަބުކޮށް ވާހަކަދެއްކުން.

50. މުޞީބާތާއި ބަލާބޮޑުވެ މަރަށް އެދުން.

51. ރޯމަނުންގެ އާބާދީ އެއީ އެންމެ ބޮޑު އާބާދީއަށް ވުން.

52. ޤިސްތަންތީނިއްޔާ (ތުރުކީންގެ ވެރިރަށް އިސްތަންބޫލު) ފަތަޙަވުން.

53. މީސްތަކުން އެމީހަކަށް ތަބާވެ ޢަދުލުވެރި ވެރިއެއް ގަޙްތާން ޤަބީލާއިންނިކުތުން.

54. މުސްލިމުން ޔަހޫދީންނާ ހަނގުރާމަކުރުން.

55. މަދީނާއިން ނުބައި ނުލަފާ ފާސިޤުން ބޭރުކުރެއްވުމާއި، މަދީނާ ފަޅުވުން.

56. މުއުމިނު އަޅުތަކުން މަރުގެންނެވުމަށް ރަނގަޅު ވައެއް ފޮނުއްވުން.

57. ގެފުޅު ތަޅާލުން.
ޤިޔާމަތުގެ ބޮޑެތި ޢަލާމާތްތައް:

1. މަހުދީގެފާނު ފާޅުވުން.

2. ދައްޖާލު ފާޅުވުން.

3. ޢީސާގެފާނު ފައިބާވަޑައިގަތުން.

4. ޔައުޖޫޖު މައުޖޫޖު ބާގައިމީހުން ފާޅުވުން.

5. ބިންގަނޑު ގަންބަވައި ގަތުމުގެ ތިން ޙާދިސާ ހިނގުން. (މިތިން ޙާދިސާހިނގާނީ ދުނިޔޭގެ އިރުމަތީގައާއި، ހުޅަނގުގައާއި، ޖަޒީރަތުލްޢަރަބުގައެވެ.)

6. ދުންގަނޑެއް ފާޅުވުން.

7. ހުޅަނގުފަރާތުން އިރުއެރުން.

8. ދާއްބައެއް ފާޅުވުން.

9. މީސްތަކުން މަޙްޝަރުކުރާނެ އަލިފާންގަނޑެއް ފާޅުވުން.

______________________

* މަރުޖިޢު: أشراط الساعة – يوسف بن عبدالله بن يوسف الوابل.
އަސްލު: ދިސަލަފިއްޔާ

0 comments:

 
އިތުރު ލިޔުންތައް